English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ތިނަދޫ އީ.އޯސީ އިން ސޯޝަލް ސަޕޯރޓް ޓީމެއް އެކުލަވާލައިފިއެވެ.

ތިނަދޫގައި މިވަގުތު 49 މީހުން ކޮވިޑް-19އަށް ފައްސި ވެފައިވެ އެމީހުންންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 248 މީހަކު 130އަށް ވުރެ ގިނަ ގޭބިސީގައި މިހާރު ކަރަންޓީން ކުރެވިފައިވާއިރު އެ އާއިލާތަކަށް ގެއިން ބޭރުން ހޯދަން ޖެހޭ ބައެއް ޒަރޫރީ ބޭނުންތައް ފުއްދޭނެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި އެކުލަވާލެވުނު މި ޓީމްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ކަރަންޓީންގައި ތިބޭ މީހުންނަށް ބޭނުންވާ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން ފެށިގެން ހަވީރު 18:00އާއި ހަމައަށް އަދި ރޭގަނޑު 21:00ން 23:00އާއި ހަމައަށް މި ޓީމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުންދާ މި ދަނޑިވަޅުގައި ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގައި މާލެއިން ނަތީއްޖާ ލިބުމުގެ ދަތިތަކެއް ހުރުމާއެކު ކަރަންޓީން ކުރެވޭ ގޭބިސީތަކުގެ އަދަދު އަދި ބޮޑުތަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިޓީމުގައި ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުނާއި ބައެއް ޖަމިއްޔާތަކުގެ މެންބަރުންގެ އިތުރުން ވޮލަންޓިއަރުންވެސް ހިމެނެއެވެ. ގދ. ތިނަދޫ އީ.އޯސީގެ އެހީތެރިކަމާއެކު މިޓީމަށް މިއަދު ވަނީ މިމަސައްކަތުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދުތައް ދީފައެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަށް އީ.އޯ.ސީ އިން ވަނީ އެދިފައެވެ.