English Edition
Dhivehi Edition
ކީރިތި ޤުރްއާނުގެ ސޫރަތުއްޒާރިޔާތުގެ 56 ވަނަ އާޔަތުގައި ﷲ ސުބްޙަނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. وما خلقت الجنّ والإنس إلا ليعبدون މާނައަކީ ތިމަން ﷲ އަށް އަޅުކަން ކުރުމަށްޓަކައި މެނުވީ އިންސީންނާއި ޖިންނީން ނުހައްދަވަމެވެ.

މި އާޔަތުގައި އެވާ ليعبدون މި ބަސްފުޅު عبدالله بن عبّاس ޝަރަޙަ ކުރައްވަނީ ليعرفون މި ގޮތަށެވެ. މާނައަކީ ހެއްދެވި ފަރާތް ދެނެގަތުމަށްޓަކައެވެ. މި ވާހަކަ އެހެން ރިވާޔަތެއްގައި އައިސްފައި ވަނީ މި ފަދައިންނެވެ. كنتُ كنـزاً مخيفا، فأرت أن أعرف فخلقت الخلق (كشف الخفاء، 2/1011)

ތެދު ތެދަށް ދަންނަވާނަމަ އިންސާނާގެ ދިރިއުޅުން ފެށީގެން ގޮސް ނިމެންދެން ހޭދަވާ ހުރިހައި ވަގިތަކީ މަޢުރިފަތުގެ ދަތުރުގައި ހޭދަ ކުރެވޭ ވަގުތެވެ. މި ދަތުރުގައި މަޤުރިފަތުގެ ފުރަތަމަ ބައި އިންސާނާ ހޭދަ ކުރަނީ މި ދުނިޔޭގައެވެ. ދަތުރުގެ އަބަދީ ޙިއްޞާ ހޭދަ ކުރަނީ އާޚިރަތުގެ ދުނިޔޭގައެވެ. މަޢުރިފަތަކީ ބޮޑު މިން އެނގުމެއް ނުވާ މާސިންގާ ކަނޑެކެވެ. އިންސާނާ ކުރާން ޖެހޭ ކަމަކީ އެ ކަނޑުގައި ދަތުރު ކުރާ ދަތުރުވެރިއަކަށް ވުމެވެ. ދިރިއުޅުމުގެ ފުރަތަމަ މަރުޙަލާގައިވެސް އިންސާނާގެ ޒިންމާއަކީ އެއީއެވެ. ފަހުގެ މަރުޙަލާގައިވެސް އޭނާގެ ޒިންމާ އަކީ ހަމަ އެއީއެވެ.

މި ދުނިޔެއާ ބެހޭ ގޮތުން އިބްރާހީމް ސޫރަތުގެ 34 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވައިފައި ވެއެވެ. و آتا كم من كلّ ما سألتموه މާނައަކީ އަދި އެކަލާނގެ ޙަޟްރަތަށް ތިޔަބައި މީހުން ދެންނެވި ކޮންމެ އެއްޗެއް އެ ކަލާނގެ ތިޔަބައި މީހުންނަށް ދެއްވިއެވެ. އެހެންވީމާ އިންސާނާގެ ދިރިއުޅުމުގެ ޙަޤީޤީ މަޤްޞަދަކީ މަޢުރިފަތުގެ ދަތުރު ކުރިއަށް ގެންދިއުންކަން ޔަގީނެވެ. ދިރި އުޅުމަށްޓަކައި ބޭނުންވާ ހުރިހައި ކަމެއް (އިނގިރޭސި ބަހުން ދަންނަވާ ނަމަ ލައިފް ސަޕޯޓް ސިސްޓަމް) ﷲ ވަނީ ފުރިހަމަ ކޮށް ދެއްވައިފައެވެ. ޙަޤީޤަތުގައި އާޚިރަތުގެ ދިރިއުޅުމަކީވެސް މަޢުރިފަތުގެ ދިރިއުޅުމެކެވެ. މި ދުނިޔޭގެ ދިރިއުޅުމުގައި އިންސާނާ ފަށައިގަންނަ މަޢުރިފަތުގެ އިބްތިދާއީ ދަތތރު އޭގެ އެންމެ ފުރިހަމަ މާނައިގައި ކުރިއަށް ދަނީ އާޚިރަތުގެ ދުނިޔޭގައެވެ. އާޚިރަތުގައި އިންސާއަށް ލިބެނީ ﷲ އާ ސީދާ ބައްދަލު ކުރުމުގެ ފުރުޞަތެވެ. ހެއްދެވި ފަރާތާ “އެއް މަޖިލީހެއްގައި” ދިރިއުޅުމުގެ ފުރުޞަތެވެ. އޭނާ ކަށަކުޅަދުންވަންތަ ﷲ އާ ސީދާ ވާހަކަ ދައްކާނެއެވެ.

އެހެންވީމާ އާޚިރަތުގެ ދުނިޔޭގައި އިންސާނާ ވެގެން ދަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މެހުމާނަކަށެވެ. ދުނިޔޭގެ ދިރިއުޅުމުގައި އިންސާނާއަށް ދެއްވާފައިވާ ތަކެއްޗަކީ އޭނާ ދިރިއުޅުމަށް ބޭނުންވާ މިންވަރަށް ދެއްވާފައިވާ ތަކެއްޗެވެ. އާޚިރަތުގެ ދުނިޔޭގައި އިންސާނާއަށް އޭނާ އެދޭ ކޮންމެ އެއްޗެއް، އެދޭ މިންވަރަކަށް ދެއްވާނެއެވެ. (ފުއްޞިލަތު ސޫރަތުގެ 31 ވަނަ އާޔަތް)