English Edition
Dhivehi Edition
ތިނަދޫގެ ބަނދަރުމަތީގައި ޒުވާނުންތަކެއް ހުއްޓިލައިގެން: ފޮޓޯ ޔާމީން ވަހީދު/ އޭއޯ ނިއުސް

ގދ. ތިނަދޫގައި ފިހާރަތަކާއި ގާޑިޔާ ތަކުގެ ޚިދުމަތްދިނުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައިފިއެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގދ. ތިނަދޫ އީ.އޯ.ސީ އިން މިވަނީ ތިނަދޫގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކެއް ގޮތުގައި ހެނދުނުގެ 09:00ން ފެށިގެން ރޭގަނޑުގެ 22:00 އަދި ގާޑިޔާ ތަކުގެ ޚިދުމަތް ދެވޭނެ އެންމެ ލަސް ގަޑިއެއްގެ ގޮތުގައި ހަވީރު 16:00 ކަމުގައި ކަނޑައަޅާފައެވެ. މިގޮތަށް އީ.އޯސީ އިން ނިންމާފައި މިވަނީ މިއަދު އެ ރަށުން 09 ރެންޑަމް ސާމްޕަލް ފައްސިވެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 38 އަށް އެރުމާއި ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި އީ.އޯ.ސީ އިން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި ފިހާރަތަކާއި ގާޑިޔާތައް ހުޅުވުމަށް ވަކި ވަގުތުތަކެއް ކަނޑައެޅުމުގެ އިތުރުން އުމުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުގޮސް ގޭގައި ނަމާދު ކުރުމަށް ބާރުއެޅުން ވެސް ހިމެނެއެވެ. އަދި މިސްކިތްތަކަށް ވަޑައިގަންނަވާ ބޭފުޅުން ގެއިން ވުޟޫ ކުރައްވައިގެން އަމިއްލަ މުސައްލަ ހިއްޕަވައިގެން ވަޑައިގަތުމަށް ވެސް އީ.އޯ.ސީ އިން ނިންމާފައެވެ.

ފިހާރަތަކުން ރައްކާތެރިކަމާއެކު ޑެލިވަރީ ޚިދުމަތްދިނުމާއި، ފިހާރަ ތެރެއަށް އެއްފަހަރާ އެއް ކަސްޓަމަރަށް ވުރެ އިތުރަށް ނުވެއްދުމާއި ފައިސާ ބަލައިގަތުމުގައި ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާ ޓްރާންސްފަރ ކުރެވޭ ގޮތް ހަދައި ފިހާރައިގެ ބޭރުގައި ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ދޮވެ ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ވަނީ މިރޭ އިޢުލާނުކޮށްފައެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.