English Edition
Dhivehi Edition
ގދ. ތިނަދޫ ޓަފަރަ މާރޓްގެ މުވައްޒަފުން ކަސްޓަމަރުން ކޮންޓްރޯލްކުރުމުގައި - ފޮޓޯ އޭ.އޯ ނިއުސް

ކޮވިޑް-19 އާއި ގުޅިގެން ފިހާރަތަކާއި ހޯލްސޭލްކުރާ ތަންތަނާއި ގުދަން ފަދަ ތަންތަނުގައި މުދާ ގެންގުޅުމާއި ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިންތަކެއް އެޗް.ޕީ.އޭ އިން ވަނީ އެކުލަވާފައެވެ. އަދި މޮނިޓަރިންގ ހާލަތެއްގައި އޮންނަ ރަށްރަށުގައި އަމަލުކުރާނެ ގޮތްތަކެއްވެސް އެޗް.ޕީ.އޭ އިން ވަނީ ކަނޑައަޅާފައެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް “ނިއު ނޯމަލް” އަށް މިވަނީ ބަދަލުކުރެވިފައެވެ. އެކަމަކު ވިޔަފާރި ކުރަން ގޮސް ތިނަދޫގެ ފިހާރަޔަކަށް ވަނީމަ ނިއު ނޯމަލް އިހުސާސެއް ނުކުރެވެއެވެ.

އެހެންނަމަވެސް ގދ. ތިނަދޫގައި ބޮޑެތި ވިޔަފާރިތަކުން ވެސް އެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރާ ތަނެެއް ފެނިފައެއް ނުވެއެވެ. އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައި ހުރި އުސޫލުތަކަށް އަމަލުނުކުރުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެރަށުގެ މުއައްސަސާތައް ހިމަނައިގެން އެކުލަވާލެވިފައިވާ ގދ. ތިނަދޫ އީ.އޯ.ސީ އިން ވަނީ އެޗް.ޕީ.އޭގެ އުސޫލުތަކުގެ އިތުރުން ހަރުދަނާ ފިޔަވަވަޅުތަކެއް އެ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެކުލަވާލައި އަމަލުކުރުމަށް އަންގާފައެވެ.

މިގޮތުން ފިހާރަތަކުގައި ދެމުންދާ ޚިދުމަތް ފޯރުކޮށްދިނުމުގައި ފިހާރަ ތެރެއަށް އެއްފަހަރާ އެއް ކަސްޓަމަރުންނަށް ވުރެ އިތުރަށް މީހުން ނުވެއްދުމަށާއި ފިހާރައިގެ ބޭރުގައި ސެނިޓައިޒަރ ބޭނުންކުރެވޭނެ އިންތިޒާމް އެފިހާރައަކުން ހަމަޖެއްސުމަށް ވެސް ތިނަދޫ އީ.އޯ.ސީ އިން ވަނީ ނިންމާފައެވެ. ޑެލިވަރީގެ ޚިދުމަތް ދެވޭ ފިހާރަތަކުން އެ ޚިދުމަތް ދިނުމަށާއި ނަގުދު ފައިސާ ބޭނުން ނުކޮށް އޮންލައިން ޓްރާންސްފަރ ކުރުމަކީވެސް ތިނަދޫ އީ.އޯ.ސީ އިން ބާރުއަޅާ ކަމެކެވެ.

ގދ. ތިނަދޫގެ ކުދި ވިޔަފާރިތަކުން މިހާރު މިވަނީ ނަމޫނާ ދައްކައި އެޗް.ޕީ.އޭ ގެ އުސޫލުތަކާއި އެއްގޮތަށް އީ.އޯ.ސީ ގެ ނިންމުންތަކަށް އަމަލުކޮށް ނަމޫނާ ދައްކާފައެވެ. މީގެތެރޭގައި ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ވިއްކާ ފަރާތްތަކާއި، މަސް އަދި ފެން ފޯރުކޮށްދޭ ފަރާތްތައްވެސް ހިމެނެއެވެ.

ޑެލިވަރީގެ ޚިދުމަތްތައް މި ފިހާރަތަކުން ފަށާފައި ވަނީ ކާބޯތަކެއްޗާއި އެހެނިހެން މުދާ ތަންތަނަށް ގެންދިއުމުގައި އެއްފަހަރު ބޭނުންކޮށް އުކާލާ ބާވަތުގެ އަންގި ނުވަތަ ހެވީ ޑިއުޓީ ރަބަރު އަންގި އަދި ފޮތި މާސްކު އަޅާފައިވާ މީހުން ހަރަކާތްތެރިވާ ގޮތަށެވެ. ހަމައެހެންމެ ފިހާރަތަކުގެ ބޭރުގައި ވަނުމުގެ ކުރިން ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ ގޮތަށް ކުޑަ މޭޒެއް ބަހައްޓައި އެއްފަހަރާ އެކަކަށްވުރެ ގިނަ މީހުންނަށް ފިހާރައަށް ނުވަނުމަށް ފިހާރަތަކުން ދަނީ އާންމުންނަށް އިރުޝާދު ދެމުންނެވެ.

ޒުވާން ވިޔަފާރިވެރިން މިފަދައިން އެއްބާރުލުން ދެމުން ގެންދިއުން މިއީ ނަމޫނާ އަކަށް ބަލައި ފަރުދީ ޒިންމާ އަދާކޮށް މި އުސޫލުތަކާއި އެއްގޮތަށް ފިހާރައެއްގައި ކަސްޓަމަރެއް ހުރި ނަމަ އެމީހަކު ނުކުންނަންދެން ބޭރުގައި މަޑު ކޮށްލައްވާށެވެ. ހޭންޑް ސެނިޓައިޒަރ ބޭނުން ކުރާށެވެ. ވިޔަފާރިކޮށް ނިމިގެން ގެއަށް ގޮސް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނާށެވެ. ކޮވިޑް-19ގެ ނުރައްކަލުން ރައްކާތެރި ވެވެން އޮތީ ކަމާއިބެހޭ އިދާރާތަކުން އެކުލަވާލާފައިވާ އުސޫލުތަކަށް އަޅުގަނޑުމެން އެންމެން އަމަލު ކޮށްގެނެވެ.