English Edition
Dhivehi Edition

މާދަމާއިން ފެށިގެން މާލެ ފިޔަވާ ހުރިހާ އަތޮޅުތަކުގެ ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ގެންދާނީ ކުދިން ސްކޫލަށް ހާޒިރުކޮށްގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އަތޮޅުތެރޭ ސްކޫލްތަކުގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ކުދިން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް މިނިސްޓްރީން ނިންމާ މިއަދު ކުރި އިއުލާނެއްގައި ބުނާގޮތުން މާދަމާއިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ސްކޫލްތައް ބަންދުކޮށް ކްލާސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގެ އިތުރުން ރާއްޖެތެރޭގެ ގިނަ ރަށްތަކުގައި ކޮވިޑް ފެތުރެމުންދާތީ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދާގޮތަށް އެޑިއުކޭޝަނުން މިނިސްޓްރީން މިވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން މާލޭގެ ސަރަހައްދުގައި ދަށް ގްރޭޑްތަކުގެ ކުދިން ސްކޫލަށް ހާޒިރުކޮށްގެން ކިޔެވުން ކުރިޔަށް ނުގެންދާތާ އަހަރަކަށްފަހު ކިޔެވުން ފެށިފައިވަނިކޮށް އަނެއްކާވެސް މިވަނީ ސްކޫލްތައް ބަންދުކުރަން ނިންމާފައެވެ.

ކޮވިޑް-19 ގެ އިތުރު ރާޅަކާއެކު ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދާތީވެ، ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ގެންދާ ގޮތަށް ބަދަލު ގެނައުމަށް ނިންމައި، ގްރޭޑް 12 އާއި ހަމައަށް އޮންލައިންކޮށް ކްލާސްތައް ގެންދިއުމަށް މިވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް ތާވަލްކުރެވިފައިވާ އިމްތިހާންތައް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން އަންގާފައިވެއެވެ.

މާލެ ސަރަހައްދުގައި ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާ، ސަރުކާރު އޮފީސްތައް ވެސް ބަންދު ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށް، ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އަންގާ ސަރުކާރުން ހަރުކަށި ފިޔަވަޅުތައް މިވަނީ އަޅާފައެވެ.އަދި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ވަނީ އަންގާފައެވެ.

ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލަން ވެސް ވަނީ މިހާރު ނިންމާފައެވެ.

1 ކޮމެންޓް
ހަޖާމް
މެއި 4, 2021
މާލޭގެ ބޭފުޅުން މިއުޅެނީ މާލެފިޔަވާ އެހެން އަތޮޅުތަކުގަ ތިބި މީހުންގެ ކުޑަކުދިންވެސް ކޯވިޑުގެ ށިކާރައަކަށް ނުހެދިގެންތާ