English Edition
Dhivehi Edition

ކޮވިޑް19 ގެ ބިރުވެރި ރަނގަބީލާ އެކު، ކޮންމެ ދުވަހަކުވެސް ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވަމުންދާ މި ދުވަސްވަރު ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ދަނީ މި ނުރައްކާތެރި ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 31،330 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 6،033 އަށް އަރާފައިއެވެ. އޭގެ ތެރެއިން 173 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނައިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް 74 މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް19 ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ކޮވިޑުގެ ހާލަތު މިހާރު އެންމެ ގޯސް އެއް ގައުމު ކަމަށްވާ އިންޑިއާ އާއި އެއްވަރަށް ރާއްޖޭގެ ހާލަތު ވެސް ގޯސްވެދާނެ ކަމުގެ އިންޒާރު ކަމާއި ބެހޭ އިދާރާތަކުން ކެނޑިނޭޅި ދެމުން އަންނައިރު ރާއްޖެ ފަދަ ސިއްހީ ވަސީލަތްތައް މަދު ގައުމެއްގައި، އެފަދަ ހާލަތަކަށް ގޮސްފިނަމަ ދެން ވާނެ ގޮތް އަންދާޒާކޮށްލަންވެސް ދައްޗެވެ. ހާއްސަކޮށް ސިއްހީ ވަސީލަތްތައް މަދު އަތޮޅު ތަކުގެ ރައްޔިތުންނަށް، ބަލި ކޮންޓްރޯލު ނުކުރެވިއްޖެ ނަމަ ވާނެ ގޮތް ވިސްނާލަންވެސް އުދަގުލެވެ.

ފާއިތުވި ސައުވީސް ގަޑިއިރު އެކަނިވެސް މާލެއިން 397 މީހުންނާއި އަތޮޅުތަކުން 160 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. ކޮންމެ ރަށެށްގެ ސިއްހީ އިދާރާތަކުން އެމީހުންނަށް ލިބިފައިވާ ވަސީލަތްތަކާއެކުމި ނުރަކަލުން ރަށްތައް ސަލާމަތްކުރުމަށް މަސައްކަތްކުރަމުން އަންނައިރު ގިނަ ރައްޔިތުން ފަރުދީ ޒިންމާ އަދާނުކުރާކަމީ ބައްޔާއި މެދު ‘ސީރިއަސް’ ނުވާކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ.

މި ގޮތުން މުޖްތަމައުގެ ވަރަށް ގިނަ ބަޔަކު ދެކޮޅު ހަދާ، އަދި އެންމެ ކުރަން ބޭނުން ނުވާ އެއްކަމަކީ ރެންޑަމް ސާމްޕަލް ނެގުމުގައި އެއްބާރުލުން ދިނުމެވެ.ރާއްޖެއިން ކޮވިޑް19 ގެ ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އިވޭ އެއް އަޑަކީ ރެންޑަމް ސާމްޕަލް ދިނުމަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭ ވާހަކައެވެ. އެކަމަކު މިއީ ހޭލުންތެރި މުޖްތަމައު އަކުން ފެނިގެންވާނެ މަންޒަރުތަކެއް ނޫންކަން ޔަގީނެވެ.

މުޖްތަމައުގައި ބަލި ފެތުރިފާއިވާ މިންވަރު ބެލުމަށްޓަކައި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން މި ރަމްޟާންމަހުވެސް އެއްވެސް ޝަކުވާއެއް ނެތި މަސައްކަތް ކުރަމުން އަންނައިރު، ސާމްޕަލް ނުދޭންވެގެން ‘ފިލާ މީހުން’ގެ އަދަދުވެސް މަދެއް ނޫނެވެ. އެމްބިއުލާންސްގެ ސައިރެންގެ އަޑާއެކު ސާމްޕަލް ނުދޭވެގެން ދިވެހިންނާއި ބިދޭސީންވެސް މިފަދައިން އަމަލުކޮށް، އެކި ކަހަލަ ބަހަނާތައް ދައްކަމުން އަންނައިރު އެ ސާމްޕަލް ދިނުމުން ވާ ގެއްލުމަކީ ކޮބައިތޯއެވެ؟

ތިމާއަށް ބަލިޖެހިފައިވޭތޯ ނުވަތަ ނޫންތޯ ޔަގީން ކޮށްލުމަށް ސާމްޕަލް ދިނުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.ސާމްޕަލް ދިނުމުން ތިމާއަށް ގެއްލިގެންދާ އެއްޗެއް ނެތެވެ. އޭގެ ބަދަލުގައި މުޖްތަމައުގައި ބަލި ފެތުރިފައިވާ މި ދަނޑިވަޅު، ތިމާ އާއި ތިމާގެ ލޯބިވާ އާއިލާގެ ރައްކާތެރިކަމަށްޓަކައި، ތިމާ ހުރީ ފުރިހަމަ ސިއްހަތެއްގައި ތޯ ބަލާލުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިގެން ދާނެ ރަނގަޅު ފިޔަވަޅެކެވެ.

ސާމްޕަލް ދޭން ޖެހެނީ ސިއްހީ ހިދުމަތްތެރިންނާއި، ފުލުހުން އަދި ކަމާއި ބެހޭ އެހެން އިދާރާތަކުން އާދޭސްކޮށް މަޖުބޫރުކޮށްގެނެއް ނޫނެވެ. އެއީ ތިމާގެ ފަރުދީ ޒިންމާއެކެވެ.

 

1 ކޮމެންޓް
ޓީ
މެއި 4, 2021
އެއީ ހަމައެއް ލަމައެއް ނެތުނީމާ ވާގޮތް. އަތޮޅު ތެރޭގައި ތިކަން ތިހެންވަނީ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ސާމްޕަލް ދިންމީހާ އާއިއެކު ގޭ އެންމެން ބަންދުވާތީ. މާލޭގައި ރެންޑަމް ސާމްޕަލް ނަގާފައި މައުލޫމާތު ނޯޓްކުރުމަށަފަހު ބަންދެއް ނުކުރޭ!