English Edition
Dhivehi Edition
ލެބެއްގައި ކޮވިޑް-19 އަށް ޓެސްޓް ހަދަނީ

ގދ. ތިނަދޫއިން އިތުރު މީހެއްގެ ނަތީއްޖާ ފައްސިވެ، ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 29 އަށް އަރައިފިއެވެ. މިއީ ކުރިން ބައްޔަށް ފައްސިވި މީހެއްގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްުންގެ ގޮތުގައި ފާހަގަކުރެވުނު މީހެއް ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދީފައެވެ.

ގދ. ތިނަދޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފުރަބަންދު ފުރިހަމަކުރި 04 މީހުންނާއި، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްުންގެ ގޮތުގައި ފާހަގަކުރެވުނު 16 މީހުންނާއި، ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 03 މީހުންނާއި، ސަރވައިލެންސް (ޖަޒީރާ ބޯޓު)ގެ 06 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

މިވަގުތު ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު ވަނީ 29 އަށް އަރާފައެވެ. މި 29 މީހުންގެވެސް ހާލު ރަނގަޅު ކަމަށާއި ފަރުވާދެމުން އަންނަނީ ހޯމް އައިސޮލޭޝަންގައި ބައްތިއްބައިގެންކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ގެ ވެކްސިންގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގދ. ތިނަދޫއިން 1،077 މީހުން ފުރަތަމަ ޑޯޒް އަދި 3،571 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. ފުރަތަމަ ޑޯޒް ޖެހުން މިވަގުތަށް މަޑުޖައްސާލެވިފައިވީ ނަމަވެސް ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދަނީ ކުރިއަށްގެންދަމުންނެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިމަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.