English Edition
Dhivehi Edition

ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ރޭ ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން އެ ފުލުހުން ދުރުކޮށްފި އެވެ.

ޒުވާނުންތަކެއް އިސްވެ ފަށާފައިވާ “ރައިޒް އަޕް އެމްވީ” މޫވްމަންޓުން ބޭއްވި އިހުތިޖާޖު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމަށް ފަހު މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން ވަނީ ހުރަސް އަޅަން ފަށައިފަ އެވެ.މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވާނީ މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ.މުޒާހަރާ ހުއްޓުވީ ފަސް މީހުންނަށް ވުރެ ގިނައިން މާލޭގައި އެއް ނުވެވޭނެ ކަމަށް އެޗްޕީއޭއިން އަންގާފައިވާ އެންގުމާއި ޚިލާފުވެފައި ވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.

އިހުތިޖާޖު ރޫޅާލާފައި ވަނީ، ގަދަ ބާރުން، ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެ އެވެ. އަދި އެ އިހުތިޖާޖުގެ ފޮޓޯތައް އާންމުވުމާ އެކު، އިހުތިޖާޖު ކުރި ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އަނިޔާވެރިކަމާ އެކު، މީހުން ދުރުކުރަމުން ދާތަން އެ ވީޑިއޯގައި ފެނެ އެވެ.

ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި ފުލުހުންނަށް ފިޔަވަޅު އަޅާފައި މިވަނީ އިޙުތިޖާޖްގެ ފޮޓޯ ތަކާއި ،ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދައުރުވެ އާންމުންގެ ފާޑު ކިޔުންވެސް ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ފުލުހުން ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމުގެ ސަބަބުން އެމައްސަލަ ބަލައިދިނުމަށް މީޑިޔާ ތަކުން އެދިފައިވާ ދަޑިވަޅެއްގައެވެ. ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް އެ ކޮމެޓީގެ މުޤައްރިރު ޖީހާން މަޙްމޫދުވެސް ވަނީ އެ މައްސަލަ ހުށަހަޅުއްވާފައެވެ. އަދި ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލު އަޙްމަދު ނަސީމު، އެ މައްސަލާގައި ވަޒީރާ ސުވާލުކުރެއްވުމަށް ވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށެވެ.