English Edition
Dhivehi Edition
އަލްއަމީރުމުޙައްމަދު ނޫރައްދީން ގެ އަނބިކަނބަލުން ފާތިމަތު ނާސިރާ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަލްއަމީރު މުޙައްމަދު ނޫރައްދީން ގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އަވަހާރަވެއްޖެއެވެ.

މ. ތާނގީދޮށުގެ، ނާސިރާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ނާސިރާ އަވަހާރަވި އިރު، އުމުރުފުޅަކީ 87 އަހަރެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީމިރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

އަލް އަމީރު މުހައްމަދު ނޫރައްދީން ވެސް އަންނަނީ އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އަލް އަމީރު މުހައްމަދު ނޫރައްދީނަކީ އައްސުލްތާން ހަސަން ނޫރައްދީން ދެވަނައިގެ ދަރިކަލެކެވެ. އައްސުލްތާން ހަސަން ނޫރައްދީން ވަނީ 1935 އިން 1943 އަށް ރާއްޖޭގައި ރަސްކަން ކުރައްވައިފައެވެ. ފާތިމަތު ނާސިރާއަކީ ދައުލަތުގެ ވަޒީރުކަން ކުރެއްވި ސާހިބުއްސައާދާ ކޮލިގޭ އުމަރު މަނިކުގެ ދޮށީ ދަރިކަނބަލުންނެވެ. އެއީ މަޝްހޫރު ވިޔަފާރިވެރިން ކަމުގައިވާ ކޮލިގޭ މުހައްމަދު އުމަރު މަނިކު އާއި އަހުމަދު އުމަރު މަނިކުގެ ދައްތާފުޅެވެ.

އަލްއަމީރު މުހައްމަދު ނޫރައްދީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަސީރާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސަބްރާ ނޫރައްދީންގެ ކާފާފުޅު އަދި ދޮން މާމައެވެ .ނާސިރާގެ ބޭފުޅުންގެ ތެރޭގައި މުހައްމަދު މާހިރު ދީދީ، އަހުމަދު މާހިރު ދީދީ، އަލީ ނޫރައްދީން، އިސްމާއީލް ނޫރައްދީން، އާއިޝަތު ނޫރައްދީން އަދި މަރިޔަމް ނޫރައްދީން ހިމެނެއެވެ.

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

މާތް اَللّٰهُ މައްޔިތާ ގެ ފާފަ ފުއްސަވައި, ސުވަރުގެ މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

آمين