English Edition
Dhivehi Edition

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ މެޖސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ އަމުރާ ގުޅިގެން ހޯދަމުންދަނީ އއ.މަތިވެރި / ހަނދުވަރީގެ، ޢަބްދުﷲ ޖަމީލް (29އ) އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ޢަބްދުﷲ ޖަމީލް ހޯދަމުންދަނީ ހުޅުމާލެ މެޖސްޓްރޭޓް ކޯޓުގައި ބަލަމުންދާ، ދަޢުލަތުން ދަޢުވާކުރާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 އޭޕްރީލް 29 ވަނަ ދުވަހުގެ 12:45 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންކަމުން ޢަބްދުﷲ ޖަމީލްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.