English Edition
Dhivehi Edition

ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތް ނަމަވެސް އެ ސަރުކާރެއް، ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި މީހުންނާއި، އެމީހުން ބޭނުންވާ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެންދާ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫނެވެ. ކިޔަވައިގެން ތިބި ތައުލީމީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހަނި ވާހަކަ އާއި އެކު ސިޔާސީ ފަރާތްތަކުގެ ‘ތައުލީމަށް’ ބެލުމެއް ނެތި ‘އެކަށީގެން ނުވާ ވަރުގެ’ މަގާމުތައް ލިބޭ ކަމުގެ ޝަކުވާތަކަކީ އަބަދުވެސް އަޑުއިވޭ ޝަކުވާތަކެވެ.

މި ރާއްޖޭގެ ވަޒީފާއަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމީ ފެންވަރު ހިމެނުމުގެ ބަދަލުގައި ސިޔާސީ ޕޯޑިއަމްތަކަށް އަރާފައިވާ އަދަދާއި ސިޔާސީ ހަރާކަތްތަކުގައި ބައިވެރިވެފައިވާ މިންވަރު ހިމެނުން މާ މުހިއްމުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭރު އޮންނަ ސަރުކާރެއްގެ އިސްވެރިންނާއި މަޖިލީސް މެމްބަރުންނަކީ، މިފަދަ ‘ސިޔާސީ މީހުންނަށް’ ވަޒީފާ ހަމަޖައްސައިދިނުމުގައި އެންމެ ބޮޑު ދައުރެއް ކުޅެމުން އަންނަ ‘ބޭފުޅުންނެވެ’. މިހާރު ވަޒީފާތައް ހަމަޖެއްސުމަކީވެސް މަޖިލީސް މެމްބަރުންގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ހެން ހީވާ މިންވަރަށް މިކަން މިވަނީ ކުރި ފަޅާފައެވެ.

ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކުގައި ގިނަ ފަހަރު ވަޒީފާތައް އިއުލާންކުރަނީ އެ ވަޒީފާ ދޭން ބޭނުންވާ މީހާ ހަމަޖެއްސުމަށް ފަހުގައެވެ. ވަޒީފާ އިއުލާން ކުރާ ވަގުތުން ފެށިގެން ސަރުކާރުގެ އިސްވެރިންނާއި މަޖިލީސް މެމްބަރުންގެ އިތުރު އޭރު އޮންނަ ސަރުކާރެއްގެ އެންމެ އިސް މީހުންނަށް ފޯނު ކޯލުތަކާއި މެސެޖްތައް އަންނަން ފަށައެވެ. ކޮންމެ މީހަކުވެސް ކިޔައިދެނީ އެމީހަކު ޕާޓީއަށްޓަކައި ކުރި ބުރަ މަސައްކަތެވެ. ވީ ގުރުބާނީއެވެ. އެހެންކަމުން މި ކަންކަމަށް ބެލުމަށްފަހު ވަޒީފާ ހަމަޖައްސައިދިނުން މި އޮންނަނީ މަޖުބޫރުވެފައެވެ. ވަޒީފާއަށް ގާބިލު މީހާގެ ބަދަލުގައި ޕާޓީއަށް އިހްލާސްތެރި މީހުންނާއި، އެމީހުން އެދޭ މީހުންނަށް ވަޒީފާ ލިބުން ވަނީ ނުހަނު ފަސޭހަކަމަކަށް ވެފައެވެ. މިފަދަ ކޮންމެ މަސައްކަތެއްގައި އެ ދާއިރާއެއްގެ މަޖިލީސް މެމްބަރުންގެ ރޯލު ވަރަށް ބޮޑެވެ. ކޮންމެ ތަނަކުން ވަޒީފާއެއް އިއުލާން ކުރިކަމުގައި ވިޔަސް އެމީހުންގެ ބާރާއި ނުފޫޒުން ނޫނީ އެކަން ނިމިގެނެއް ނުދެއެވެ.

މިކަމުގައި ހަމައެކަނި ކުށްވެރިވަނީ ސަރުކާރާއި ޕާޓީތައް އެކަންޏެއް ނޫނެވެ. ތިމާގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން މި ފަދަ ވަޒީފާތައް ހޯދުމަށް ‘ޑިމާންޑް’ކުރާ ރައްޔިތުންވެސް ގޯހެވެ. ވަޒީފާއަށް އިއުލާންކުރާއިރު ބަޔާންކޮށްފައިވާ ޝަރުތައް ފުރިހަމަ ނުވާ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް އަތުކުރި އޮޅާލާއިރު އެކަމުން ދެން ނިކުންނާނެ ނަތީޖާ އާއި މެދުވެސް ވިސްނާލުން މުހިއްމެވެ. އެކަމާއި ގުޅޭ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތް ބާކީކޮށްލުމަށްފަހު ނުފޫޒުން ވަޒީފާއަށް ހޮވާ ފަރާތަކީ އެކަމަށް ގާބިލު ފަރާތަށް ނުވެއްޖެނަމަ ދެން ވާނެ ގޮތަކާއި މެދު ވެސް ވިސްނާލަންޖެހެއެވެ. ހުދު އެ ފަދަ ނުފޫޒުން ވަޒީފާތަކަށް އަންނަ ފަރާތްތައްވެސް މިކަމާއި ވިސްނާލުން މުހިއްމެވެ. ތިމާއަށް ނުކުރެވޭ ވަރުގެ ކަމަކާއި ހަވާލުވެ، އެކަމުން އެހެން މީހުންނަށް ލިބޭނެ ގެއްލުމާއި މެދު ވެސް ވިސްނާލަން ޖެހެއެވެ. އެކަމަކު މިހާރު މިފަދަ ކޮންމެ މަގާމެއްވެސް ވެފައި މި އޮންނަނީ ‘ރަމްޒީ މަގާމް’ތަކަށެވެ.

ތިމާއަށް ތާއިދުކުރާ ފަރާތްތަކަށް ވަޒީފާ ހޯދައި ދިނުމަށް އުފައްދަމުން ދާ މި ފަދަ ކޮންމެ މަގާމެއްގެ ސަބަބުން މާޔޫސްވެ ބާކީ ވެގެންދަނީ ތައުލީމީ ޒުވާނުންނެވެ. ސިޔާސީ ނުފޫޒުގެ ސަބަބުން ވަޒީފާއަށް އިއުލާންކުރި ނަމަވެސް އެ ވަޒީފާއަށް ކުރިމަތިލުމަށް ފަސްޖެހޭ ޒުވާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އިއުލާންކުރެވޭ ކޮންމެ ވަޒީފާއަކީ ވަކި މީހެއްގެ މިނަށް ހެޔޮވަރުކޮށް ފަހާފައި އޮންނަ ހެދުމަށް މިއަދު މި ވަނީ ވެފައެވެ.

އެކަމަކު ހަގީގަތުގައި މިއީ މިކަންވާންޖެހޭ ގޮތް ހެއްޔެވެ؟ ތައުލީމު ހާސިލްކުރި ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ނުލިބި، އެހެން ދާއިރާއަކުން ކުރިއަށް ގޮސް، ކިޔެވި ކިޔެވުމާއި އެކަށީގެން ނުވާ މުސާރައެއްގައި މަސައްކަތްކުރުމަކީ މިކަންވާން ޖެހޭ ގޮތް ތޯއެވެ؟ ތައުލީމާ ގާބިލު މީހާ ސީވީ ހިފައިގެން ސަރުކާރުގެ އޮފީސްތަކުގެ ދޮރުގައި ޓަކިޖަހަން މުޅި އުމުރު ހުސްކޮށްލަންވީތޯއެވެ؟ ރާއްޖެ ދޫކޮށް ކޮންމެވެސް އެހެން ގައުމެއްގައި އަމިއްލަ ވަޒަނާއި އާއިލާ ދޫކޮށް ވަޒީފާ އަދާކުރަންވީ ހެއްޔެވެ؟ ތައުލީމީ ޒުވާނުން ވަޒީފާގެ ފުރުސަތު ނުލިބި ސެޓްފިކެޓްތައް ‘ޑަސްޓްބިނަށް’ އަޅާލުމަށްފަހު، ވަޒީފާއެއް ހޯދުމަށް އޮތް އެންމެ ފަސޭހަ މަގު އިހްތިޔާރުކުރަންވީތޯއެވެ؟ސިޔާސީ މީހުންގެ ‘ފައިބުޑަށް’ ވެއްޓި ވަޒީފާއެއް ހޯދުމަށް ‘ސަލާންޖަހަންވީ’ ހެއްޔެވެ؟