English Edition
Dhivehi Edition

ގއ އަތޮޅުގެ ދެ ވޯޓު ފޮއްޓެއް ހިމެނޭހެން ޖުމްލަ 11 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ އަންގާރަ ދުވަހު ( މިއަދު ) ކެނޑުމަށް ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު އަންގާރަ ދުވަހު 11 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑައި، ބަލަންޖެހޭ ކަންކަން ބެލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން 208 ޝަކުވާއެއް ލިބިފައިވާއިރު މީގެ ތެރެއިން 11 ޝަކުވާއެއް ބެލުމަށް ނިންމާފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މީގެ ތެރޭގައި ގއ އަތޮޅުގެ ދެ ވޯޓު ފޮއްޓެއް ހިމެނެއެވެ.

ސެކިއުރިޓީ އުރަ ކަނޑައިގެން ބެލުމަށް ނިންމާފައިވާ ގއ އަތޮޅަށް ނިސްބަތްވާ ވޯޓު ފޮށިތައް:

ގއ. އަތޮޅު ހަ ނަމްބަރު ވޯޓު ފޮށި (މާލޭގައި ބެހެއްޓިފައި ހުރި) ބާތިލް ވޯޓު ގުނައިދިނުމަށް އެދިފައި ވުމުން

ގއ. ދެއްވަދޫ ވޯޓު ފޮށި، (ޕީ6.1) ކައުންސިލް މެމްބަރުންގެ ބާތިލް ވޯޓު ގުނުމަށް ޝަކުވާ ހުށަހަޅާފައިވާތީ

މި ދެވޯޓު ފޮށީގެ އިތުރުން އިތުރު 9 ވޯޓު ފޮއްޓެއްގެ ސިޓީ އުރަ ކަނޑައިގެން ބެލުމަށް ވަނީ ނިންމާފައި އެވެ.

ޝަރީފް ވިދާޅުވީ މި 11 ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައިގެން އިންތިޚާބުގެ ނަތީޖާ ކަށަވަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ކަންކަން ކުރިޔަށްދާއިރު، ވޯޓު ފޮށީގެ މަސްލަހަތު ހިމެނޭ ފަރާތްތަކަށް އެކަން މޮނީޓަރކުރުމަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

މި އިންތިޚާބުގައި ގއ އަތޮޅުގެ ވޯޓް ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 10282 އެވެ.