English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ވ. ތިނަދުއާއި އަދި ގދ. ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.

މި ގޮތުން ގައްދޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މި އެޕްރީލް މަހުގެ 16 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ރަށުތެރެއިން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން މި އެޕްރީލް މަހުގެ 15 ދުވަހު ކ. މާފުށިން ވ. ތިނަދުއަށް ދިޔަ ލޯންޗަކުން ތިނަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ފެލިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ތިނަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ހަތަރު ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.