English Edition
Dhivehi Edition

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަކިލޭޝް މިޝްރާ، އިއްޔެ އައްޑޫއަށް ކުރެއްވެވި ޒިޔާރަތުގައި މީދޫ ކޯގަންނަ ގަބުރުސްތާނަށް ޒިޔާރަތް ކުރައްވަވައި އެތަނާ މެދު ޝައުގުވެރިކަން ފާޅުކުރައްވަވައިފިއެވެ.

އެ ސަރަހައްދުގައި ހުންނަވާ އެއޯ ނިއުސްއާއި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ގަބުރުސްތާން ހިމާޔަތް ކުރުމަށް ކުރެވިދާނެ ކަންކަން ބައްލަވާނެ ކަމުގައެވެ. އަދި އެތަނުގައި ތާރީޙީ ދިރާސާ ތަކެއް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ވެސް ސަފީރު ވަނީ ފާޅު ކުރައްވާފައެވެ.

އިންޑިޔާ ސަފީރުގެ މިފަހަރު ދަތުރު ފުޅުގެ މަގުސަދަކީ ރައްޔިތުންނާއި އިންޑިއާ ރައްޔިތުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް އިތުރު ކޮށް ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާ ސަރުކާރުން ހުޅުވާލާފައިވާ ތަފާތު ފުރުސަތުތަކުގެ ބޭނުން އައްޑޫ ރައްޔިތުންނަށް ވެސް ހިފުމުގެ ފުރުސަތު އޮތްކަން އަންގާދިނުން އެއީ ދަތުރު އެއް ބޭނުން ކަން ސަފީރު ފާހަގަ ކުރެއްވިއެވެ.

އިންޑިއާ ސަފީރުގެ މިފަހަރު އައްޑޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި އައްޑޫ ސިޓީ ކައުންސިލާވެސް ވަނީ ބައްދަލުކުރައްވަވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އަދި އައްޑޫގެ ތަރައްގީ އަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ސަފީރު ވަނީ ސްކޫލްތަކާއި ވިޔަފާރިވެރިން އަދި އައްޑޫގެ އެކި މުއައްސަސާ ތަކާއި ބައެއް ވިޔަފާރިވެރިން އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއާއިވެސް ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުގެ އެހީގައި އަޅަމުންދާ ޕޮލިސް ޓްރެއިނިންގް ސްކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވާ ލައްވާފައެވެ.

މިއީ އިންޑިއާ ސަފީރު ގޮތުގައި ޑރ. އަކިލޭޝް މިޝްރާ އައްޑޫ އަށް ކުރެއްވި ދެވަނަ ޒިޔާރަތެވެ. މީގެ ކުރިން މިދިޔަ އަހަރުގެ މާޗް މަހު ވަނީ އައްޑޫ އަށް ޒިޔާރަތް ކުރައްވާފައެވެ.