English Edition
Dhivehi Edition

އިނގިރޭސި ރާނީ އެލިޒަބަތު 2 ގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ.

ޕްރިންސް ފިލިޕް –ޑިއުކް އޮފް އެޑިންބަރާ އަވަހާރަވިކަން ބަކިންހަމް ޕެލަސް އިިން ވަނީ ބަޔާނެއް ނެރެ ކަށަވަރުކޮށްދީފައެވެ. ޕްރިންސް ފިލިޕް އަވަހާރަވީއިރު އުމުރުފުޅުން 99 އަހަރެވެ. ޝާހީ އާއިލާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފިލިޕް އަވަހާރަވެފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވިންސަރ ކާސަލްގައެވެ.

މިފަހަކުން ޕްރިންސް ފިލިޕްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލްގައިވެސް އެތައް ފަހަރަކު އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެ އެވެ. އެންމެ ފަހުން މިދިޔަ ފެބްރުއަރީ މަހުވެސް ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވި އެވެ. އަދި ހިތްޕުޅުގެ އޮޕަރޭޝަނެއްވެސް މި ފަހުން ކުރައްވާފައިވެ އެވެ.

ޕްރިންސް ފިލިޕް އަވަހާރަވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޝާހީ އާއިލާއަށް ތައުޒިޔާ ފޮނުއްވަމުންނެވެ.

ޕްރިންސް ފިލިޕް ރާނީ އެލިޒަބަތާއި ކައިވެނިބައްލަވައިގަތީ 1947 ވަނަ އަހަރުއެވެ. އެއީ އެކަމަނާ ރާނީގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ 5 އަހަރު ކުރިންނެވެ. އަދި އެމަނިކުފާނަކީ ޝާހީ އާއިލާގައި އެންމެ ގިނަ ދުވަސް ވަންދެން އުޅުއްވި ފަރާތްވެސް މެއެވެ. އަވަހާރަވިއިރު ޕްރިންސް ފިލިޕްއާއި ރާނީގެ އެލިޒަބަތުގެ 4 ދަރިކަލުން ތިއްބަވައެވެ. އަދި 8 ކާފަދަރިކަލުންނާއި، 10 މުނިކާފަ ދަރިކަލުން ތިއްބަވައެވެ.