English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ފުވައްމުލައް ސިޓީގައި އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޮންލައިން ކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މި މަސައްކަތް ފައްޓަވައިދެވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއު ދަށުން ވެކިއުމް ޕަމްޕުތަކާއި ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ބަދަލުކޮށް މުޅިން އަލަށް މޮނިޓަރިން ނިޒާމެއް ފުވައްމުލައް ސިޓީގައި ގާއިމު ކުރާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލައަކީ ހައްލުކުރަން އުނދަގޫވި، ތަކުލީފު ބޮޑު މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް މި ނިޒާމު ޑިޒައިންކުރުމަށް ކުރެވުނު މަސައްކަތަކާއެކު، ރައްޔިތުންނަށް މިކަމުގައި ދާއިމީ ހައްލެއް ލިބޭނެގޮތްތައް ހޯދި، އެ މަގުން ފެނަކައިން މަސައްކަތް ކުރާނެކަމަށް ސަޢީދު ވިދާޅުވިއެވެ.

“ﷲ އިރާދަކުރެއްވިއްޔާ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ޒަމާނީ ވަޞީލަތްތަކާއެކު ކުރެވޭނެ މަގު އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. މި ނިޒާމު ފައްކާވެގެންދާއިރުގައި ﷲ ގެ ތަނަވަސް ރަހުމަތާއެކު 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަމިކުރަނީ ވަރަށް ބޮޑު އިތުބާރެއް އެކަމަށް ލިބިފައިވާތީ. މި ނިޒާމު ނިމިގެންދާއިރުގައި ދާއިމީ ހައްލެއް މިކަމަށްލިބި މުޅި ނިޒާމު އެންމެ މި ޒަމާނުގެ ވަޞީލަތްތައް މެދުވެރިކޮށް މޮނިޓަރކުރެވޭނެ” ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ އަހަރު އެ މަސައްކަތް ފެނަކަ އާއި ހަވާލު ކުރުމާއެކު އެއަހަރުގެ އޮކްޓޯބަރު މަހު ގައި ފެނަކަ-ފުވައްމުލަކުގެ މުވައްޒަފުން ވަނީ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއ ލިބޭތޯ ނިޒާމުގެ ޓެސްޓެއް ކޮށްފައެވެ. އެގޮތުން ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ފާހަގަ ކުރެވިފައިވަނީ އެ ނިޒާމުގައި ބޭނުންކޮށްފައި ހުންނަ ވެކިއުމް ޗެމްބަރތަކުގައިވާ ޕަމްޕުތަކަށް ފެން އެޅި ޕަމްޕުތައް ހުއްޓި މުޅި ނިޒާމު ފެއިލްވާ މައްސަލައެވެ.

އެހެންކަމުން މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މިވަގުތު ދަނީ ކޮންމެ ދުވަހަކު ޖަންކްޝަން ތައް ސާފުކުރުމުގެ މަސައްކަތް މެނުއަލް ކޮށް 5 ޕިކަޕް ބޭނުންކޮށްގެން ބޮޑު ޚަރަދެއް ކޮށްގެން ކުރަމުންނެވެ. ފެނަކައިން ބުނެފައިވަނީ މި މަޝްރޫއުގެ މަސައްކަތް ނިމޭއިރު މިކަމަށް ދާއިމީ ހައްލެއް ހޯދައި ދެވޭނެ ކަމަށެވެ.