English Edition
Dhivehi Edition

ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާ ކޮވިޝިލްޑް ވެކްސިންގެ 2 ޑޯޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖައްސަވައިފިއެވެ.

ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނުގެ ރަސްމީ ޓުވިޓަރ އެކައުންޓް މެދުވެރިކުރައްވާ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓުގައި ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާވެފައިވާ ފަރާތްތަކުން ދެވަނަ ޑޯޒް ވީހާވެސް އަވަހަކަށް ފުރިހަމަކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ. އަދި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިނުވާ ފަރާތްތަކުންވެސް، ލަސްނުކޮށް، ވެކްސިން ޖެހުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ ރައީސް ނަޝީދު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވަނީ ސެނެހިޔާ ހޮސްޕިޓަލުންނެވެ..ރައީސުލްޖުމްހޫރިއްޔާ ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވަނީ ސޯޝަލް ސެންޓަރުންނެވެ.


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.

އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިހާތަނަށް 3700 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 246،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. ކޯވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި މިހާތަނަށް 3 ވެކްސިނެއް ޖެހުމަށް އެމް.އެފް.ޑީ.އޭއިން ވަނީ ހުއްދަދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނާއި، ފައިޒަރ ވެކްސިނެވެ. ނަމަވެސް މިވަގުތު ދެމުންދަނީ ކޮވިޝިލްޑާއި ސިނޮފާމް ވެކްސިން އެކަންޏެވެ.