English Edition
Dhivehi Edition

ޔުނިކްސް ސްޕޯޓިސް އިން މިއަހަރުގެ ފިތުރު އީދު ދުވަހާއި ދިމާކޮށް މުޅި ރާއްޖޭއަށް ހުޅުވާލައިގެން ވާރޗުއަލް ދުވުމެއް ” ވާރޗުއަލް ކަލަރ ރަން” ގެ ނަމުގައި ބާއްވަން އިއުލާންކޮށްފި އެވެ.

ފިތުރު އީދު ދުވަހު ބާއްވަން ހަމަޖެހިފައިވާ ވާރޗުއަލް ރަން އަކީ ހަތަރު ކުލައިގެ ހަތަރު ޓީމް އަކަށް ބަހާލައިގެން ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. ދުވުމުގެ ބައިވެރިންނަށް ދުވުމުގައި ރަޖިސްޓަރީވާ އިރު އެބައިވެރިއަކު ބޭނުން ކުލައެއްގެ ޓީމެއް އިޙްތިޔާރު ކުރުމުގެ ފުރުސަތު އޮވެއެވެ.

ޔުނިކްސް ސްޕޯޓިން އިން އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރޭޝަން ޝަރީފް ވިދާޅުވީ “ވާރޗުއަލް ކަލަރ ރަން” އަކީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ވާރޗުއަލް ކަލަރ ރަން ކަމަށެވެ. އިތުރަށް މައުލޫމާތު ދެއްވަމުން ރޭޝަން ވިދާޅުވީ މި ދުވުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެން އެކުގައި މަޖާ ކޮށްލާ ބަދަހި މާހައުލެއްގަ ޢީދު ދުވަސް ފާހަގަކުރުމާއި ދިވެހިންގެ އެއްބައިވަންތަކަން ފާހަގަކޮށް އާލާކުރުން ކަމުގައެވެ.

ވާރޗުއަލް ކަލަރ ރަންގައި ރެޖިސްޓަރ ވުމުން ކޮންމެ ބައިވެރިއަކަށްވެސް ރޭސް ކިޓް އެއް ލިބެއެވެ. ރޭސް ކިޓްގައި ހިމެނެނީ ޓީޝަރޓް، ބިބް، މެޑަލް، ސަން ހެޓް، އަތުގަ އަޅާ ބޭންޑް އަދި ކުލަ ޕެކް އެކެވެ. ވާރޗުއަލް ކަލަރ ރަންގައި ބައިވެރިވާ ކޮންމެ ބައިވެރިއެއް ވެސް މަދުވެގެން 5k ދުވެލަން ޖެހެއެވެ. ނުދުވެވޭ ބޭފުޅުންނަށް ހިނގާފައި ނަމަވެސް 5k ފުރިހަމަކުރެވިދާނެ ކަމަށް ރޭޝަން ވިދާޅުވިއެވެ. ފިތުރު އީދު ދުވަހު ހަވީރު ހަތަރަކުން ދުވުމުގައި ރެޖިސްޓަރ ވެފައިވާ ބައިވެރިންނާއި އެކު ދުވުން ފެށޭއިރު ދުވުންތެރިން ބޭނުން ތާކު ދުވުން ފުރިހަމަ ކުރެވެއެވެ.

މަދުވެގެން 5k ދުވުމުގައި ދުވަން ޖެހުނަސް 100K, 21K, 10K, 8K, 6K ދުވެ، އިތުރު މެޑަލްތައް ހޯދުމުގެ ފުރުސަތު ދުވުންތެރިންނަށް އެބައޮތެވެ. އަދި ދުވުން ފުރިހަމަ ކުރުމުން އެ ދުވި މިނަކަށް ޙާއްސަ ބެޖެއް ބައިވެރިންނަށް ލިބޭނެ ކަމަށް ޔުނިކްސް ސްޕޯޓިން މައުލޫމާތު ދެއްވިއެވެ. ބެޖްތަކުގެ ތެރޭގައި ބްރޮންޒް، ސިލްވަރ، ގޯޅްޑް އަދި ޕްލެޓިނަމް ބެޖް ހިމެނެއެވެ.

މިދުވުމުގެ މޮޅުވާ ޓީމަކަށް ބަލަނީ ހުރިހާ ބައިވެރިންގެ ތެރެއިން އެންމެ ގިނަ ކިލޯމީޓަރ ދުވެފައިވާ ކުލަ ޓީމަށް ކަމަށްވެއެވެ. ދުވުންތެރިން ފަރާތުން ކުރެވޭ އެންމެ ބޮޑު އުންމީދަކީ 4 ކުލަ ޓީމުވެސް ރާއްޖޭގެ އެކި ހިސާބުގަ ތިބި ޓީމު މެމްބަރުންނާއެކު އެއް ޢަޒުމެއްގައި ޓީމު މޮޅުކުރަން މަސައްކަތް ކުރުން ކަމުގައި ރޭޝަން ވިދާޅުވިއެވެ.

މޮޅުވާ ކުލަ ޓީމުގެ އިތުރުން ވަރޗުއަލް ކަލާ ރަންގައި މިވަނީ އެންމެ ކުލަގަދަ ދުވުންތެރިޔާ، ކިންގް އަދި ކުއީން އޮފް ކަލަރސް، އެންމެ ހަގު އަދި ދޮށީ އުމުރުގެ ދުވުންތެރިން އަދި ކޮންމެ އަތޮޅަކުން އެންމެ ބާރު ދުވުންތެރިން ފަދަ އެވޯޑުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ އާއި ގުޅިގެން މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ކަލަރ ރަން ތަޢާރަފްކުރީ ޔުނިކްސް ސްޕޯޓިން އެވެ. އަދި ޔުނިކްސް ސްޕޯޓިން ވަނީ ވޭތުވެދިޔަ އަހަރު ތެރޭގައި ވެސް އެކި މުނާސަބާތުތަކާއި ގުޅިގެން އެކިއެކި ވަރޗުއަލް ދުވުންތައް ބާއްވާފައެވެ.

ފިތުރު އީދު ދުވަހު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ހަމަޖެހިފައިވާ ވާރޗުއަލް ކަލަރ ރަންގައި ބައިވެރިވުމުގެ ފަހު ތާރީހަކީ 05 އޭޕްރިލް 2021 އެވެ.