English Edition
Dhivehi Edition
ކޮމިއުނިޓީ ފާމިން ޕްރޮޖެކްޓާ ގުޅޭ މަޝްވަރާ ކުރުން/ފޮޓޯ އައްޑޫސިޓީ ކައުންސިލް

އައްޑޫގައި ގާއިމް ކުރާ ކޮމިއުނިޓި ފާމިން އަށް ބޭނުންވާ ގްރީން ހައުސް ކުރިއަށް އޮތް 3 މަސް ދުވަހުގެތެރޭ އައްޑޫއަށް ގެންނާނެކަމަށް މިއަދު އޭޕީސީން ބުނެފިއެވެ.

މިކަން ހާމަ ކުރީ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭ.ޕީ.ސީ) އާއި އެމް.އެން.ޔޫ އަދި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދާ ‘ގްރީންހައުސް ފާމިންގ’ މަޝްރޫޢުގެ މަސައްކަތް ތަކާގުޅޭ ގޮތުން މިއަދު އައްޑޫސިޓީ ކައުންސިލާއެކު ކުރެއްވި މަޝްވަރާގެ ތެރޭގައެވެ.

މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އޭ.ޕީ.ސީގެ ފަރާތުން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢު ފެށުމަށް ބޭނުންވާ ގްރީންހައުސްތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ އަށް ގެނެވޭނެ އެވެ. މިގޮތުން ކޮންމެ “ގްރީންހައުސް”އެއްގެ ބޮޑުމިނުގައި 1،000 އަކަފޫޓު ހުންނާނެ ކަމަށާއި އަދި މަޝްރޫޢުގެ ދަށުން އުފައްދާ ތަކެތި ވިއްކާނެ ސޭލްސް އައުޓްލެޓެއް ޤާއިމުކުރެވޭނެ ކަމަށް އޭ.ޕީ.ސީން ހާމަކުރެއެވެ.

މުޖުތަމަޢުއަށް ފައިދާހުރި ކަމެއް ކޮށްދިނުމުގެ އިތުރުންވެސް މި މަޝްރޫޢުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަން އޭސީޕީން ފާހަގަ ކުރެއްވިއިރު މީގެ ތެރޭގައި، ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭ ހިންގާ ޚާއްޞަ ތަމްރީން ޕްރޮގްރާމުން 40 ދަނޑުވެރިންނާއި 40 ދަރިވަރުން ތަމްރީންވެގެންދާނެ ކަމަށާއި، އަންހެން ކަނބަލުންނާއި ޒުވާނުންވެސް ދަނޑުވެރިކަމުގެ ސިނާޢަތުގެ ތެރެއަށް ވަނުމަށް މަގުފަހިވެގެންދާނެއެވެ.

އައްޑޫސިޓީގައި ‘ގްރީންހައުސް ފާމިންގ’ ތަޢާރަފް ކުރުމުގެ މަޤްސަދުގައި ހިންގާ މިމަޝްރޫޢަކީ އެކުވެރި ދައުލަތްތަކުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ (ޔޫއެން އެސްޑީޖީގެ) ތެރެއިން ދެ ލަނޑުދަނޑިއެއް ޙާޞިލްކުރުމުގެ ގޮތުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ އެހީގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫޢެކެވެ. މިގޮތުން މި މަޝްރޫޢަށް ޖެފް އިން 697،284.00 ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާއިރު، އޭ.ޕީ.ސީން 1،201،686.00 ދިވެހި ރުފިޔާ އަދި އެމް.އެން.ޔޫ އިން 1،446.000.00 ދިވެހި ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢަށް އައްޑޫ ސިޓީ ކައުންސިލުން 100،000.00 ދިވެހި ރުފިޔާ އަދި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން 244،000.00 ދިވެހި ރުފިޔާ ޚަރަދުކުރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މި މަޝްރޫޢު އަކީ އޭ.ޕީ.ސީ އާއި އެމް.އެން.ޔޫ އަދި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.