English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އާއި އީކޯ އޯގަނައިޒޭޝަން ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވަރސިޓީގެ ސްޓާޓަޕެއް ކަމަށްވާ ރޮބޯއީ އާއެކު ޕާޓްނާޝިޕެއް ގާއިމްކޮށް ރޮބޮޓިކް ޓެލެޕްރެޒެންސް އިވެންޓެއް މިއަދު ބާއްވައިފިއެވެ. މި އިވެންޓްގައި އުރީދޫ 5ޖީ އެއަރފައިބަރ މެދުވެރިކޮށް ދަރިވަރުންތަކަކަށް ޖަރުމަންވިލާތުގައި ހުރި ރޮބޮޓެއް ކޮންޓްރޯލްކޮށް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.

ވީއާރު ކެފޭގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޮޓިކްސް ދަރިވަރުން ވަނީ އުރީދޫ 5ޖީ އެއަރފައިބަރގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯރޓް ވުމުގެ ތަޖުރިބާ ކޮށްފައެވެ. ރޮބޯއީއަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރޮބޮޓެކެވެ. ކުރިއަރާފައިވާ އާޓިފިޝިއަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތް ކުރާގޮތްވެސް ދަސްކޮށްފައެވެ.

ރޮބޯއީ 3.0 ގެ ޓެލެޕޯރޓްވުމުގެ ޚިދުމަތް މެދުވެރިކޮށް، ވަގުތުން އެހެންތަނަކު ހުރުމުގެ ތަޖުރިބާ އާއި ފައިދާތަކުގެ އިތުރުން އެއް މުޖުތަމަޢުގައި އޮންނަ ގުޅުން ވަރުގަދަ ކޮށްދެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޚިދުމަތަށް އަންނަ ކުރިއެރުމާއެކު ދެމެހެއްޓެނިވި ގުޅިފައިވާ މުޖުތަމަޢުތަކެއް ބިނާކުރުމުގެ އުންމީދުވެސް އާލާވެގެންދެއެވެ. މިއިވެންޓްގައި ބައިވެރިވި ދަރިވަރުންނަށް 5ޖީ ގެ ވަރުގަދަ ނެޓްވޯކާއެކު ރޮބޯޓީކްސް، އާރޓިފިޝިއަލް އިންޓެލިޖެންސް އަދި އިންޓަނެޓް އޮފް ތިންގްސްގެ ހައިބަތާއި މި ޚިދުމަތްތަކުގެ ސަބަބުން ހުޅުވިގެންދާނެ ފުރުސަތުތަކަށްވެސް ލޯ ހުޅުވާލަދީފައިވާކަމަށް އެފާރާތުން ހާމަކުރެއެވެ.