English Edition
Dhivehi Edition
انس بن مالك الأنصارى رضي الله عنه ވިދާޅުވިއެވެ. މީހަކު رسول الله صلّى الله عليه و سلّم ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެންމެ ހެޔޮ ޢަމަލަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (އެއީ) ﷲ މަޢުރިފާ ކޮށްގަތުމެވެ. (العلم با للّـه عز و جل)

އެ މީހާ ދެވަނަ ފަހަރަށް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެންމެ ހެޔޮ ޢަމަލަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ﷲ މަޢުރިފާ ކޮށްގަތުމެވެ. އެ މީހާ ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު ކަލޭގެފާނަށް މި ސުވާލު ދަންނަވަނީ ޢަމަލާ ބެހޭ ގޮތުންނެވެ. ކަލޭގެފާނު ޖަވާބު ދެއްވަނީ ޢިލްމުގެ ވާހަކައިންނެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. إن قليل العمل ينفع مع العلم، و إن كثير العمل لا ينفع مع الجهل (جامع بيان العلم و فضله، صفحة 45) މާނައަކީ ޢިލްމާއެކު ކުރެވޭ ކުޑަކުޑަ ޢަމަލަކުން ނަފާ ވެދެއެވެ. އަދި ޖާހިލުކަމާއެކު ކުރެވޭ ގިނަ ޢަމަލުތަކުންވެސް ނަފައެއް ނުލިބެއެވެ.

މި ޙަދީޘްފުޅުގައި އެވާ ޢިލްމުގެ މުރާދަކީ މަޢުރިފަތެވެ. ޢަމަލުގެ ގިނަ މަދު މިނުގެ މާނައަކީ ޢަމަލުގެ ޢަދަދެއް ނޫނެވެ. މާނައަކީ ޢަމަލެއް ކަމުގައި ބެލެވޭ ފަދަ ޙަޤީޤީ ޢަމަލަކީ މަޢުރިފަތާއެކު ނުވަތަ ހިތުގެ އަޑީން ކަމެއް ދަނެގެން ހުރެ ކުރެވޭ ޢަމަލެވެ. މަޢުރިފަތާ ނުލައި، ނުވަތަ ހިތުގެ އަޑީން ކަމެއް ނުދެނަހުރި ހާލަތުގައި ކުރާ ޢަމަލެއްގެ އިތުބާރެއް ނެތެވެ.

ޙަޤީޤަތުގައި އިސްލާމް ކަމުގެ ފެށުން އޮންނަނީ މަޢުރިފާ ކޮށްގަތުމުގައެވެ. އެބަހީ ﷲ ގެ ވުޖޫދު ދެނެގަތުމާއި، ތިމާއާއި ﷲ އާ ދެމެދު އޮންނަ ގުޅުމަކީ ކޮބައިކަން ދެނެގަތުމުގައެވެ. މި ދެންނެވުނު މަޢުރިފާ ކޮށްގަތުމަށް ކިޔާ ނަމަކީ ايمان با للّـه އެވެ. ނުވަތަ ﷲ އަށް އީމާން ވުމެވެ. އެއްވެސް މީހެއްގެ ހިތުގައި މި ފަދަ ގޮތަކަށް ﷲ އަށް އީމާންވުން އަށަގެންފި ނަމަ، އޭނާގެ ދިރިއުޅުމުގެ ތެރެއިން އެކަން ފެނިގެން ދިއުމަކީ ލާޒިމު ކަމެކެވެ. އޭނާގެ ވިސްނުމާއި، ބަސްމަގާއި، ސުލޫކާއި، މުޢާމަލާތާއި، އަޅުކަން ފަދަ ހުރިހައި ކަމަކުން އެ އީމާންކަމުގެ އަސަރު ވަރަށް ބޮޑަށް ފެންނާނެއެވެ. ކުރުކޮށް ދަންނަވާނަމަ، އިސްލާމް ކަމުގެ ދަރަޖަ އޮންނާނީ މަޢުރިފަތުގެ ދަރަޖަ އޮތް ހިސާބެއްގައެވެ. ބޭރު ފުށުގެ ޢަމަލުތައް ސީދާ ވާނީ އެތެރެ ހަށީގައި ނުވަތަ ހިތުގެ އަޑީގައި މަޢުރިފަތުގެ ދަރަޖަ އޮތް މިންވަރަކުންނެވެ.

މަޢުރިފަތަކީ އިސްލާމްކަމުގެ ރޫޙެވެ. ނުވަތަ ފުރާނައެވެ. މަޢުރިފަތަކީ އިސްލާމްކަމުގެ ދިރުމެވެ. މީހެއްގެ އިސްލާމްކަން ދިރިހުރި އިސްލާމްކަމަކަށް ބަދަލު ކޮށްލަނީ މަޢުރިފަތުންނެވެ. މަޢުރިފަތާއެކު ކުރެވޭ ޢަމަލުގެ މިސާލަކީ ދިރިހުރި އަދި ކުރިލައި ހެދެމުންދާ ގަހެއްގެ މިސާލެވެ. މަޢުރިފަތާ ނުލައި ކުރެވޭ ޢަމަލުގެ މިސާލަކީ ހިކި، ފީވެފައިވާ ގަހެއްގެ މިސާލެވެ.