English Edition
Dhivehi Edition

މޫސުން ގޯސްވެ ދެކުނަށް ކުރަމުން އަންނަ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފުވައްމުލައް ސިޓީގައި ފެންބޮޑުވެ ގިނަ ގެތަކަށް ގެއްލުން ވެއްޖެއެވެ.

އިއްޔެ ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން އައްޑުއާއި ފުވައްމުލަކަށް އޮރެންޖް އިންޒާރު ނެރެފައިވާ މިދަނޑުވަޅުގައި ވައިގަދަވެ ގިނަ ގެތަކަށް ގެއްލުންވަމުންދާ އިރު ފުވައްމުލައް ސިޓީން ވަނީ ވިއްސާރާގެ ސަބަބުން ފެންބޮޑުވުން ފަދަހާލަތެއް މެދުވެރިވެއްޖެނަމަ ފުވައްމުލައް ފަޔާރ ސްޓޭޝަންގެ ނަންބަރު 6869118 އަށް ނުވަތަ ފުވައްމުލައް ސިޓީ ކައުންސިލް ހޮޓްލައިން އަށް ގުޅުއްވުމަށް އެދިފައެވެ.

ގަދަ ވިޔާއެކު ރޭ ކުރި ވިއްސާރައިގައި މުޅި ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ގިނަ ގެއަކަށް ފެންވަދެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބެމުން އަންނާތީ އެމްއެންޑީއެފުންނާއި ޕޮލިސް އަދި ކައުންސިލުން ދަނީ ވެލިބަސްތާތައް ޖަހައި ހާލުގައި ޖެހިފައިވާ ގެތަކަށް އެހީތެރިވުމަށް މަސައްކަތް ފަށާފައެވެ.

ސިޓީގައި ފެންބޮޑުވެފައިވުމާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ވެސް ވަނީ ބަންދުކޮށްފައެވެ.

މޫސުމާބެހޭ އިދާރާ ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީއިން ވަނީ މިއަދުގެ ހެނދުނު 6:00 އިން ފެށިގެން ހެނދުނު 8:00 އާއި ހަމަޔަށް ފުވައްމުލަކާއި އައްޑޫ އަށް އޮރެންޖް އެލާޓް ނެރެފައެވެ. އަދި ބޯކޮށް ވާރޭވެރި ފެންބޮޑުވުމުގެ އިތުރުން ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ ކަނޑުގަދަވާނެކަމަށް ވަނީ ބުނެފައެވެ.

 

ރާއްޖޭގެ ދެކުނުގައި ތޫފާނެއް އުފެދެމުން އަންނަ ކަމަށް ރޭ މީސްމީޑިއާގައި ދެކެވުނު ވާހަކަ މޫސުމާބެހޭ އިދާރާއިން ވަނީ ދޮގުކޮށްފައެވެ. އެއިދާރާއިން ވިދާޅުވީ ރާއްޖެއާއި ރާއްޖެ ހިމެނޭ ސަރަޙައްދުގައިވެސް ތޫފާނެއްގެ އަސަރު ނެތްކަމަށާއި މިހާރު ދެކުނަށް ކުރަމުން ދަނީ ރާއްޖޭގެ މަތީގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފް އާއިގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

އައްޑުއާއި ފުވައްމުލަކަށް ރޭ ދަންވަރުންފެށިގެން އިރުއެރުމާއި ހަމަޔަށް ވައިގަދަވެ ވިއްސާރަވާނެކަމަށާއި އޭގެ ފަހުންވެސް މާރޗް 30 ގެ ނިޔަލަށް ބޯކޮށްވާރޭ ވެހި ވައި ގަދަވެ ވިއްސާރަވާނެކަމަށް މެޓްއޮފީހުން ލަފާކުރެއެވެ.

 

ޓެގު