English Edition
Dhivehi Edition

ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ބަޔަކު ފައްސިވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން 27 މާރިޗް އިން ފެށިގެން ކުރިއަށް އޮތް 4 ދުވަހަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ތިނަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީ.އޯ.ސީ) އިން ނިންމައިފިއެވެ.

ތިނަދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވެފައި ވާތީވެ ތިނަދޫ އީ.އޯ.ސީ ގެ ފަރާތުން އެންމެންގެ ރައްކާތެރިކަމަށްޓަކައި، 27 މާރިޗް 2021 އިން ފެށިގެން 4 ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސައިހޮޓާ އަދި ރެސްޓޯރަންޓްތަކުގެ ޢާއްމު ޚިދުމަތްތައް ބަންދުކުރުމާއެކު، ހަމައެކަނި ޑެލިވަރީ ޚިދުމަތްދިނުމާއި ފިހާރަތަކާއި ގާޑިޔާތައް އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް ރޭގަނޑު 10:00 ގެ ފަހުން ބަންދުކުރުން ހިމެނެއެވެ.

މީގެ އިތުރުން ސައިހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތައް ނޫން ތަނަކުން ޓޭކްއަވޭ ކޮފީ ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުން މަނާކޮށް، ކަސްރަތު ކްލާސްތަކާއި، ޖިމް، ދުވާ ޓްރެކް، އަދި ހުރިހާ ކުޅިވަރު ދަނޑުތައް ތިނަދޫ އީ.އޯ.ސީ ވަނީ ބަންދުކޮށްފައެވެ. އަދި ފަރުމަސްވެރިކަން ކުރާ އުޅަނދުފަހަރުތައް ތިނަދޫ ކައުންސިލުން ދެއްވާ ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ މަހަށް ނުފުރުމަށާއި އެއަރޕޯޓްގެ ޑިއުޓީތަކަށް މީހުން ދިއުމާއި އައުން މަޑުޖައްސާލުމަށް ވެސް ތިނަދޫ އީ.އޯ.ސީ ވަނީ ނިންމާފައެވެ.

ހަމައެހެންމެ ތިނަދޫގައި މޮނިޓަރިން ޙާލަތު އުވާލުމާއި ހަމައަށް ސްކޫލްތަކާއި ކޮލެޖް، ޔުނިވާރސިޓީތަކާއި ޓިއުޝަން ކުލާސްތަކުގެ އިތުރުން ޤުރުއާން ކުލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި އޮފީސްތައް ބަންދުކުރުމާއެކު ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މަދު މުވައްޒަފުން ފިޔަވައި އެހެނިހެން މުވައްޒަފުން މަސައްކަތަށް ނުނެރުން ހިމެނެއެވެ.

އަދި މި ހަތަރު ދުވަހަށް ކުޑަކުދިންގެ ޕާކްތަކާއި މިއުޒިއަމް ޕާރކް ބަންދުކުރުމަށް ތިނަދޫ އީ.އޯ.ސީ އިން މިރޭ އާންމުކޮށްފައިވާ އިޢުލާނުގައި ވެއެވެ.