English Edition
Dhivehi Edition

ގއ. ވިލިނގިލީ ޑައިމަންޑްވިލާ އަރުޖޫން އަފީފަކީ އަމިއްލަ ރަށުގައި ދިރިއުޅެމުން އަންނަ ރަށުގެ ގިނަ ބަޔަކު ދަންނަ ހިތްހެޔޮ ޒުވާނެކެވެ. ގއ. އަތޮޅު ތަޢުލީމީ މަރުކަޒުން އޯލެވެލް ނިންމައި ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއިން މިވަގުތު ޑިގްރީ އަށް ކިޔަވަމުން އަންނަ އަރުޖޫން އަކީ މީހުންނާ ގުޅޭ، އޯގާތެރި، ޚުލްޤުހެޔޮ ޒުވާނެއް ކަމުގައި ރަށުގެ އެންމެން ވެސް ގަބޫލު ކުރެއެވެ. އަރުޖުން އަކީ ހަވާލް ކުރެވޭ މަސައްކަތްތައް ފަރުވާތެރި ކަމާއި، އިޚްލާސްތެރި ކަމާއެކު ނިންމާ ރަށުގެ ތަރައްގީ އާއި ގުޅޭ ކޮންމެ ކަމެއްގައި އެންމެ ކުރީސަފުގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ޒުވާނެކެވެ. މީގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓްގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަޖުރުން އަންނައިރު، ގޮވާލާ ކޮންމެ ގޮވާލުމަކަށް އެންމެ އަވަހަށް އިސްނާގާ އެކަކު ކަމުގައި އަރުޖުންވުމީ އަމިއްލަ ރަށާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް އަރުޖޫން ތައްޔާރަށް ހުރި ކަމުގެ އަލިގަދަ ހެއްކެެވެ.

ކޮވިޑުގެ ނުރައްކާތެރި ވަބާ މުޅި ޤަޢުމަށް ކުރިމަތި ވެފައިމިވާ ދަނޑިވަޅުގައިވެސް ފަސްޖެހުމެއް ނެތި، ރަށުގެ ހާބަރ ޕެޓްރޯލިންގ ކުރުމާއި، ކޮވިޑް ސާޕަލް ނަގާ ޓީމު ތަކާއެކު އަރުޖޫން ދަނީ ހަރަކާތްތެރި ވަމުންނެވެ. ބޭނުން ޖެހިފައި ތިބޭ މީހުންނަށް އޯގާތެރިކަމާއި އެކު އެހީތެރިވެދިނުމަކީ އަރުޖޫންގެ އެންމެ ޚާއްޞަކޮށްލެވޭ އެއްސިފައެވެ.

މީގެ ކުރިން ޕީޕީއެމް ވިނގިލީ ލީޑަރޝިޕްގައި، މަސައްކަތްކޮށް، ރައީސް ޔާމީން މިނިވަން ކުރުމަށް ބޭއްވި ހަރަކާތްތަކުގައި އަރުޖޫން ބައިވެރިވެފައިވާއިރު އޭނަގެ ސިޔާސީ މަސައްކަތްތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި ޕާޓީ އޮބްޒާވް ވަރެއްގެ ގޮތުގައި މަސައްކަތް ކުރުމާއި މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ވިލިނގިލީ ދާއިރާގެ މަންދޫބެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ.

“އެންމެ ފުރަތަމަ ސިޔާސީ މައިދާނަން ޝަޢުގުވެރިވީ 2017 ވަނަ އަހަރު. އޭރު ކުރީގެ ރައިސުލް ޖުމުހުރިއްޔާ ރައީސް އަބްދުﷲ ޔާމީން ޤަޢުމަށް ކޮށްދެމުން އައި އަގުނުކުރެވޭ ފަދަ ޚިދުމަތް ފެނި އެމަނިކުފާނުގެ ސަޕޯޓަރަކަށްވީ. އެދުވަސްކޮޅުގައި އަމިއްލަ ނަފްސަށް ވިސްނުނީ ސިޔާސީ ވުމަކީ ސަޅި ކަމަކޭ. ރައްޔިތުންނަށް ޚިދުމަތް ކުރަން އެދޭނަމަ އިންސާފްވެރިކަން ހޯދަން އަޑު އުފުލުމަކީ މުހިންމު ކަމެއްކަން އެނގިގެންދިޔަ. އޭގެ ފަހުން ސޯޝަލް މީޑިޔާގެ އެކްޓިވިސްޓް އަކަށްވެ މަސައްކަތްކުރީ” އަރުޖޫން އޭނަގެ ސިޔާސީ ކެރިއަރ ފެށިގެން އައިގޮތް ކިޔައިދިނެވެ.

ރަށަށް ޚިދުމަތް ކުރުމަށް ކަމަރު ބަނދެގެން ހުރި އަރުޖޫން ވަނީ ލޯކަލް ކައުސިލް އިންތީޚާބް 2021 ގައި ޖުމުހޫރީ ޕާޓީން ވާދަ ކުރާ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބަށް ކުރިމަތިލާފައެވެ. ކައުންސިލަރެއްގެ ގޮތުގައި އަމިއްލަ ރަށަށް ހެވާއި ލާބަ ހޯދައި ދިނުމަށް ބޭނުންވެ ހިތްވަރާއެކު އެކަމަށް ނިކުމެފައެވެ.

ކުރިއަށް އޮތް ދައުރުގައި ކައުންސިލް ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ އަރުޖޫންގެ އެންމެ ބޮޑު އަޒުމަކީ ތަޢުލީމީ ދާއިރާއަށް ގިނަ ކުރި އެރުންތަކެއް ހޯދުމަށް މަސައްކަތް ކުރުމެވެ.

“މިހާރު އެންމެ ބޮޑަށް ދިމާވާ ދަތި ކަމަށް ފާހަގަކޮށްލެވެނީ ކޯސްތަކަށް ކަނޑައެޅިފައިވާ މިންވަރަށް ކުދިން ހަމަނުވުމުގެ ސަބަބުން، މަތީ ތަޢުލީމަށް ކިޔަވަން ބޭނުން ވެފައި ތިބޭ ކުދިންނަށް އެފުރުސަތު ނުލިބި ދަތިތަކަކާ ކުރިމަތި ވަމުން ދާކަން. އެހެން ކަމުން މިކަމަށް ހަލެއް ހޯދަން ޖެހޭކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ” އަރުޖޫން ކިޔައިދިނެވެ.

ހުވަދު އަތޮޅަކީ ހުނަރުވެރި ގިނަ ރައްޔިތުން ތަކެއް އުޅޭ ތަނަކަށް ވުމާއެކު، އަތްތެރި މަސައްކަތްތައް ކުރާމީހުންނާއި، ދިގު މުއްދަތަކަށް ހަލާކުނުވެ ބޭނުންކުރެވޭ ކާއެއްޗެހި އުފައްދާ މީހުންގެ މަސައްކަތް ފާހަގަކޮށް، ވަކި ޖިންސަކަށް ތަފާތު ކުރުމެއް ނެތި އެކްސްޕޯ ފަދަ ފުރުސަތުތަކުގެ ތެރެއިން އެފަދަ ފަރާތް ތަކުގެ މަސައްކަތްތައް ޕްރޮމޯޓް ކޮށްދޭން މަސައްކަތް ކުރުމަށް އަރުޖޫން ހުރީ ތައްޔާރަށެވެ. އަދި އޭގެ އިތުރުން ކައިރި ރިސޯޓް ތަކަށް އެ އެއްޗެހިތައް ޕްރޯމޯޓްކޮށް ރައްޔިތުންގެ ޖީބަށް ލިބޭގޮތް ޑޮލަރު ވަންނަން ޖެހޭކަމަށާއި އެކަމަށް މަސައްކަތް ކުރުމަށް އޭނާ ހުރީ ތައްޔާރަށެވެ.

ވަކި ކުލަޔަކަށް، ނުވަތަ ވަކި ޕާޓީ އަކަށް ނިސްބަތް ވުމުން ވަޒީފާ ލިބޭ ވާހަކައާއި އަދި ސިޔާސީ ނުފޫޒާއެކު ވަޒީފާތަކަށް މީހުން އައްޔަން ކުރަމުންދާތީ އެކަންތައްތައް ހުއްޓު ވުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް އަރުޖޫން ބޭނުންވެއެވެ. އަރުޖޫން ގަބޫލު ކުރާ ގޮތުގައި ވަޒިފާ ދޭއިރު ތަޢުލީމް ލިބިފައިތިބި، ހުނަރުވެރި ކުދިންނަށް އިސްކަންދިނުމަކީ މުހިއްމު ކަމެކެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ނިކުތް އަރުޖޫން ބުނީ އެމަގާމަށް އޭނާ ހޮވަންޖެހޭ ސަބަބު ގިނަ ކަމަށެވެ.

“އަޅުގަނޑަކީ ވިލިނގިލީގެ ލޭ ހިނގާ ޒުވާން ދަރިއެއް ކަމަށްވާތީ. އަދި ޒުވާނުންނާ ގުޅޭ ޒުވާނުންގެ އަޑުއުފުލާ ރަށަށް ތަރައްޤީ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ތައްޔާރަށް ހުރި ޒުވާނެއް. އިންތިޚާބުގައި ހޮވޭ ބަޔަކާއެކު ވަކިކުލަ އަކަށް ބެލުމެއް ނެތި މަސައްކަތް ކުރެވޭނެ” ކަމަށް އަރުޖުން ކިޔައިދިނެވެ.

އަރުޖުންގެ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާށި އާމީން!

 

 

 

 

1 ކޮމެންޓް
ރާއަލިފް
މާޗް 24, 2021
އާމީން