English Edition
Dhivehi Edition

ޕްރިމިއާ ލީގުގައި ރޭ ސާޖިއޯ އަގުއޭރޯގެ ހެޓްރިކާ އެކު ވަޓްފޯޑް އަތުން 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

ވަޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ސިޓީއަށް ކުރިހޯދައިދިނީ ރޭގެ މެޗުގައި ސިޓީއަށް ހެޓްރިކް ހަދައިދިން ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ. ސާޖިއޯ އަގުއޭރޯ ޖެހި ތިން ލަނޑާއެކު އޭނާ ވަނީ މިސީޒަނުގައި ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީން ދެ ލަނޑު ޖަހާފައިވާއިރު ފުރަތަމަ ހާފްގައި ސިޓީގެ ޒުވާން ކުޅުންތެރިޔާ ގެބްރިއަލް ޖީސުސް ވަނީ ލަނޑެއް ޖަހާފައެވެ.

ދެވަނަ ހާފްގައި ވެސް ސިޓީން އިން ވަނީ ވަރުގަދަ ކުޅުމެއް ކުޅެ މެޗުގެ ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ވަޓްފޯޑު އަށް ނުދީ އެ ޓީމު ހިފަހައްޓާފައެވެ. ރޭގެ މެޗުގައި ސިޓީގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށް ދީފައިވަނީ އޮޓަމެންޑީ އަދި ރަހީމް ސްޓާލިން އެވެ.

ލީގުގައި ރޭ ކުޅުނު މެޗަށް ފަހު ސިޓީ 13 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގައި އޮތް އިރު ދެ ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑެވެ. މިރޭ އެވަޓަން އަތުން ތަފާތު ބޮޑުކޮށް މޮޅުވެގެން އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.