English Edition
Dhivehi Edition

ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި އައްޑޫ ސިޓީގެ ތަރައްޤީއަށް މި ސަރުކާރުން 535 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ‘އެމްޑީޕީގެ ރަށްވެހި ފަތިސް’ ޕްރޮގްރާމުގައި އައްޑޫ ސިޓީގެ އެކި ދައިރާތަކަށް ކުރިމަތިލައްވާ ކެނޑިޑޭޓުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވިފައިވާ ހޭދައަކީ މާލެއަށް ސަރުކާރުން ކުރި ހޭދަ އާއި ދާދި އެއްވަރެއްގެ އަދަދެއްކަމަށެވެ.

އައްޑޫ އަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ސަރުކާރުގެ ފަސް އަހަރު ތެރޭގައި ފުއްދޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މިހާތަނަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވިފައިވާ އެއް ދާއިރާއަކީ އައްޑޫ ކަމަށެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތްތަކަކީ މީގެ އެތައްއަހަރެއް ކުރިއްސުރެ ނުކުރެވިފައިވުމުގެ ސަބަބުން މިސަރުކަރުން ކުރަމުންދާ މަސައްކަތްތަކެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި 535 މިލިޔަން ރުފިޔާގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާނެކަމަށެވެ.