English Edition
Dhivehi Edition
View of a man with a motorcycle on a asphalt road.

ސައިކަލަކީ ދަތުރު ފަތުރުގެ ނިޘާމަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްދިން އެއްޗެކެވެ. ސައިކަލް ދުއްވުމަކީ ދަތުރުކުރުކޮށްދޭ ކަމެކެވެ. އަދި އެއީ އެއްބަޔަކު މުނިފޫހި ފިލުވުމަށްވެސް ކޮށްއުޅޭ ކަމެކެވެ.

ކޮންމެއަކަށް ސައިކަލަކީ އަދުގެ ހާލަތަށް ބަލާއިރު އެހާމެ ބޭނުންތެރި އެއްޗަކަށް މިވަނީ ވެފައެވެ. ސައިކަލަށް ގިނަ ބަޔަކުވަނީ އެއާއި ނުލާ ނޫޅެވޭ ވަރަށް ބަރޯސާ ވެވިފައިވެއެވެ. ޒަރޫރީ ބޭނުންތަކުން ފެށިގެން ގޮސް އެންމެ ކުޑަ ކަންކަމާއި ހަމައަށް ސައިކަލަކީ މުހިއްމު އެއްޗެކެވެ. ކަންމިހެން އޮތް އިރު ސައިކަލް ދުއްވުމުގައި އޭގެ ރައްކާތެރިކަމާއި މެދު ވިސްނާލީ ކިތަށް މީހުންހެއްޔެވެ.

ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމަށް ޤާނޫނަކުން މަނާކުރުމުގެ ކުރިން އެކަން އަމިއްލައަށް ވިސްނުން މުހިއްމެވެ. ހެލްމެޓަކީ އެއަޅައިގެން ހުންނަ މީހާގެ ސަލާމަތަށްޓަކައި އަޅަންޖެހޭ އެއްޗެކެވެ. ބަޔަކަށް ދައްކަން ހެލްމެޓް އެޅުމުން އެއިގެ ބޭނުން ރަނގަޅަކަށް ނުލިބޭނެއެވެ. އެމީހެއްގެ ބޮލަށް ހެޔޮވަރު އަދި ކަމެއް ދިމާވާ ހާލުގައި ބޮލަށް ލިބޭ ގެއްލުން ކުޑަކޮށްދޭ ކަހަލަ ހެލްމެޓް ބޭނުންކުރުން މުހިއްމެވެ. އިމާރާތް ކުރުމާއި، އެހެނިހެން މަސައްކަތް ކުރާއިރު ބޭނުންކުރުމަށް ހެދިފައި ހުންނަ ހެލްމެޓް ސައިކަލް ދުއްވާއިރު އެޅުމުން ހެލްމެޓްގެ ސަބަބުން ލިބޭ ފައިދާ ނުލިބޭނެއެވެ.

ހެލްމެޓަކީ އެއަޅާފައި ހުންނަ އިރު އެމީހެއްގެ ބޮލާ ކަނދުރާ ސަލާމަތް ކުރެވޭ ފަދަ އެއްޗަކަށް ވުން މުހިއްމެވެ. އެގޮތުން ހާފް ހެލްމެޓްގެ ބަދަލުގައި ފުލް ކަވަރ ހެލްމެޓް ބޭނުންކުރުން މުހިއްމެވެ. އަދި ހެލްމެޓް އަޅާފައި ހުންނައިރު އެއިގެ ބަކަލްތައް ރަނގަޅަށް ބާރުކޮށްފައި ބަހައްޓަން ޖެހެއެވެ.

ނުރައްކާތެރި ހާލަތެއް ދިމާވެގެން ދާހިނދު ހެލްމެޓް އަޅާފައި އޮތުމުގެ ސަބަބުން ގިނަ ގުނަ ކަންކަމުން ސަލާމަތްވެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ހިންގާފައިވާ އެކްސިޑެންޓްތަކުގައި ނިޔާވެފައިވާ މީހުންގެ ތެރެއިން %90 މީހުން ނިޔާވެފައިވަނީ އެކްސިޑެންޓްގައި ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ. އަދި އައްޑޫގައި ހިންގާފައިވާ އެކްސިޑެންޓްތަކުގެ ތެރެއިން ހެލްމެޓް އަޅައިގެން ދަނިކޮށް އެކްސިޑެންޓްވެފައިވާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތައް ކުޑަކަން ފާހަގަ ކުރެވިފައިވެއެވެ. އެހެންނަމަވެސް ހެލްމެޓް އަޅަންޖެހޭ ގޮތަށް ރަނގަޅު ހެލްމެޓް ބޭނުންކޮށްގެން ނޫނީ އެފަދަ ގެއްލުންތައް ކުޑަނުކުރެވޭނެއެވެ.

އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންކުރެވޭ މިފަދަ އާލާތްތަކަކީ އެއިގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތަށް ރައްކާތެރިކަން ލިބޭ އެއްޗެއްތޯ ބެލުން މުހިއްމެވެ. ދަތުރަކަށް ތައްޔާރުވުމުގެ ކުރިން ސަލާމަތީ އެންމެހައި ފިޔަވަޅުތައް އެޅުމަކީ އެއުޅަނދެއް ދުއްވާމީހެއްގެ ފަރުދީ ޒިންމާއަކަށް ހަދަމާތޯ އެވެ.