English Edition
Dhivehi Edition

ރައީސުލްޖުމުހޫރިއްޔާ ބަންގްލަދޭޝް އަށް ކުރައްވާ ދަތުރުފުޅުގައި ބަންގްލަދޭޝްގެސަރުކާރުން އެމަނިކުފާނަށް ހޫނު މަރުޙަބާ އެއް ކިޔައިފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޙަޒްރަތް ޝާޙްޖަލާލް އިންޓަރނޭޝަނަލް އެއަރޕޯޓުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދާއި، އަނބިކަނބަލުން ރާޝިދާ ޙާމިދެވެ.

މިރަސްމިއްޔާތުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުމުގެ އިތުރުން 21 ބަޑީގެ ސަލާމެއް ވެސް އެރުވުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރއެއް، އެ މަނިކުފާނު ބައްލަވައިލެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް ޞާލިހު ބަންގްލަދޭޝްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ 1975 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާނަށް 100 އަހަރު ފުރުމުގެ މުނާޞަބާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ބާރތު ސެންޓެނަރީ އޮފް ޝެއިޚް މުޖީބުއްރަޙްމާން”ގެ ރަސްމީ ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ބަންގުލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތްކުރެއްވުމާއި، އެ ޤައުމުގެ ސަރުކާރުގެ އިސްއޮފިޝަލުންނާ ބައްދަލުކުރައްވައި އެކިދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.މީގެ އިތުރުން ބަނގްލަދޭޝްގައި ދިރިއުޅުއްވާ ދިވެހިންނާއިވެސް ރައީސް ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންްގްލަދޭޝްއަށް ވަޑައިގަތީ، ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައެވެ.