English Edition
Dhivehi Edition

ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ އެ މުއައްސަސާގެ ބޯޑަށް ހާމިދު އަބްދުލް ޣަފޫރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ މުއައްސަސާގެ ބޯޑަށް އައްޔަން ކުރާ އާންމުންގެ މެންބަރަކަށް ހާމިދު އައްޔަން ކުރަން ފެންނަކަމަށް 40 މެންބަރުން ވޯޓުދީފައިވާއިރު އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓުދީފައެއް ނުވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުގައި އާންމުންގެ ތެރެއިން ތިބެނީ ދެ މެމްބަރުންނެވެ.. ގާނޫނުގައިވާ ގޮތުން އާންމުންގެ ފަރާތްތަކުގެ ތެރެއިން ޕޮލިސް ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ބޯޑަށް އައްޔަން ކުރާނެ ފަރާތެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޕޮލިސް ބޯޑަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. އަދި މި ބޯޑަކީ ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް އުފައްދާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.