English Edition
Dhivehi Edition

މިއީ އަވަދިނެތި އުޅެމުންވެސް ތައްޔާރުކޮށްލެވިދާނެ ފަސޭހަ މީރު ކެއުމެކެވެ. ސިއްޙަތަށް ވިސްނައިގެން ކާން ބޭނުންވާ ހަމަ ކޮންމެ މީހެއްގެ ވެސް މެނޫއަށް އިތުރުކޮށްލެވިދާނެ ބާވަތެކެވެ. އަނގަޔަށް މީރު މިކެއުން ތަރުކާރީ ސެލެޑަކާއެކު ރޭގަނޑެއްގެ ކެއުމަށް އިންސާފް ކޮށްލައްވާށެވެ.

ޗިކަން މިލަނީސްއަކީ ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންވެސް ގަޔާވާ ކެއުމެކެވެ. ޢާއްމުކޮށް މިހަދާ ތެލުލި ކުކުޅު ނުވަތަ ‘ފްރައި ޗިކެން’ ގެ ބަދަލުގައި ޗިކަން މިލަނީސް ޚިޔާރު ކުރުމުން އަނގަޔަށް މީރުވެފައި ހަށިގަނޑަށް ތެލުން ލިބޭ ގެއްލުންވެސް ކުޑަކޮށްދޭނެއެވެ.

ގިނަ މީހުންނަށް ހީވެފައި އޮންނަނީ ގިނައިން ތެޔޮ އަޅައިގެން ނޫންގޮތަކަށް ކުކުޅު ރޯނުފިލާނެ ކަމަށެވެ. އެހެންނަމަވެސް މި ރެސިޕީ އަށް ކުކުޅު ތައްޔާރު ކުރާއިރު ހެޔޮވަރުވަރަކަށް ތުނިކޮށް ކަފާފައި އޮތުމުން މިއީ ކުޑަ ތެޔޮފޮދަކުން ތައްޔާރުކޮށްލެވިދާނެ ގޮތެކެވެ.

ތައްޔާރު ކުރާނެ ގޮތް

ބޯންލެސް ކުކުޅުގަނޑު ކަޓިންބޯޑު މަތީ ބޭއްވުމަށްފަހު އޭގެމަތީ އެއްއަތް ބާއްވާ ރަނގަޅަށް ހިފަހައްޓާލާ ތޫނު ވަޅިއަކުން ދެއަތަށް ވަޅި ހިންގަމުން ފަޅި ކޮށްލާ.

އޭރުން އެތައްޔާރުކޮސްލެވުނީ ހެޔޮވަރު ވަރުގެ 2 ގަނޑު މަސް.

މަހުގެ 2 ފުށުގައިވެސް ރަހަލާވަރަށް ލޮނާއި އަސޭމިރުން ހާކާލާ.

އެއަށްފަހު މަހުގެ ދެ ފުށުގައި ފުށްއުނގުޅާލާނީ

ސަމުސަލެއްހުންނަހާ ކުޑަ ފެންފޮދަކާއި ބިހެއް މިކްސް ކުރުމަށްފަހު ތައްޔާރުކުރި މަސްތައް ރަނގަޅަށް ބިހުން ފޯކޮށްލާނީ

އެއަށްފަހު ރާޅުކޮށް މުގުރާފައިހުރި ކްރެކާސް ނޫނީ ފާރޮށި ކުނޑި މަސްގަނޑުގެ ދެފުށުގައި ލުމުން އެހެރީ ފިހަން ތައްޔާރު ކުރެވިފަ.

ތަވާގައި ތެޔޮކޮޅު ހޭކުމަށްފަހު ހޫނުވުމުން މަޑު ގިނީގައި ކުކުޅު ކޮޅު ފިހެން އުދާނީ

ދެފުށުން ޖަހަމުން ގޮސް ރީތި ރަތްކުލަ އަރަންދެން ފިހެލުމުން އެހެރީ ޗިކެން މިލަނީޒް ތައްޔާރުވެ ނިމިފައި.

ހަށިގަނޑަށް ލުއި އެހާ ފަސޭހަ ގޮތަކަށް ތައްޔާރުކޮށްލެވޭ މި މީރު ކެއުން ރޭގަނޑުގެ ގަޑިއަކަށް ކަމުދާނެއެވެ. އަދި މިއީ ދިވެހިންގެ ކެއްކުމުގެ ޚާއްސަ ދުވަހެއްކަމަށްވާ ހުކުރުދުވަހުގެ ކެއުމާއެކުވެސް ސައިޑްޑިޝް އެއްގެ ގޮތުގައި ބޭނުން ކޮށްލެވިދާނެ ބާވަތެކެވެ. އާދައިގެ ކަނޑު މަސް ނޫނީ ފަރު މަހުގައިވެސް މި ރެސިޕީ ތައްޔާރުކޮށްލެވިދާނެއެވެ.