English Edition
Dhivehi Edition
... އަހުމަދު ޝަރީފް (ވ) އަދި ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު (ވ) / ފޮޓޯ އީސީ

ފުލްޓައިމް ކޯހެއްގައި ކިޔަވަމުންދާ ދަރިވަރުންނަށްވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފުވައްމުލަކު ހުޅަނގު ދެކުނު އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު، އާމިނަތު އިނާޔާގެ ފުލްޓައިމް ކޯހެއްގައި ކިޔަވަމުންދާ ކެންޑިޑޭޓެއްކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އިނާޔާގެ ކެންޑިޑެސީ ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅޭ ގޮތުން ކުރެއްވި ޓުވިޓެއްގައެވެ.

މި މައްސަލަ އާއި ގުޅިގެން ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 2010 ވަނަ އަހަރު ފާސްކުރި ގާނޫނުގައި، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ފުލްޓައިމް ދަރިވަރަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް 2017 ވަނަ އަހަރު ގެނައި އިސްލާހުގަ އެ ކަން އުނިކޮށްފައިވާކަމަށެވެ. އަދި ފުލް ޓައިމް ކިޔަވާ މީހަކަށް ނުވުން އެއީ[އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތެއް ނޫން ކަމަށް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ،

އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކީ ފުލްޓައިމް ދަރިވަރަކަށް ވެގެން ނުވާނެކަމަށް އިންތިހާބުގެ ގާނޫނުގައި ބުނެފައިވާކަމަށެވެ. އެހެންނަމަވެސް އިނާޔާ އަކީ ފުވައްމުލަކު ޒިކުރާ ސްކޫލުގައި ފުލްޓައިމް ކޯހެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށް ވަކީލުންގެ ޓީމުންވަނީ ބުނެފައެވެ. އަދި އޭނާގެ މި ސެމިސްޓާގެ ފީ ވެސް ސަރުކާރުގެ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ދައްކާފައިވާ ކަމުގެ ހެކި އެބަހުރިކަމަށް ކޯލިޝަންގެ ވަކީލުންގެ ޓީމުންވަނީ ބުނެފައެވެ.

އެހެންކަމުން އާމިނަތު އިނާޔާގެ ކިބައިގައި އިންތިހާބަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަން ފާހަގަކޮށް މި މައްސަލަ ލިޔެކިޔުންތަކާއެކު އިލެކްޝަނަށް ވެސް ހުށަހަޅާފައިވާކަމަށް ވަކީލުންގެ ޓީމުންވަނީ ހާމަކޮށްފައެވެ.