English Edition
Dhivehi Edition

ދިވެހި ސަރުކާރުން ގއ. މާމެންދޫގައި ޤާއިމުކޮށްފައިވާ ވާރޭފެނުގެ ނިޒާމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ފެނަކައާއި ހަވާލު ކޮށްފައިވަނީ މިއަދު ގއ މާމެންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މިރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރ ހުސައިން ރަޝީދުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދާއި ދާއިރާގެ މްމްބަރު ޔަޢުޤޫބުއަބުދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޑރހުސައިން ރަޝީދު ވިދާޅުވީ މި މަޝްރޫއު އަކީ ސަރުކާރުން މުޅިރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމު ކުރުމުގެ ކުރިން ރޭވި ކުރިއަށްގޮސްފައިވާ މަޝްރޫޢެއްކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް ކުރެވިފައިވާ ގޮތަށް ބަލާއިރު ނަރުދަމާގެ މަސައްކަތް ކުރާއިރުވެސް އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި މަޝްރޫޢަކީ ގްރީންކުލައިމެޓް ފަންޑާއި ޔޫއެންޑީޕީ އާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދެވިފައިވާ މަޝްރޫއެއްކަމަށެވެ. މި މަޝްރޫއަށް 4.9 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށާއި، މާމެންދޫގައި ނިމިފައިވާ މި މަޝްރޫޢުގެ އިތުރުން އެރަށުގައި ސޯލާ ޖެހުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ ކަމަށެވެ. އަދި ކުނި މެނޭޖު ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ނިމުމެއް ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށާއި ، ރަށް ގިރުމުގެ މައްސަލައާއި އުދަ އެރުމުގެ މައްސަލަ ހައްލުކުރުމަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނަކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ވަނީ ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫގައި ގާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމް ވެސް ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.

ރަށްރަށުގައި ވާރޭފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތަކީ ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްރަށަށް ދިމާވާ މައްސަލަތަށް ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތެކެވެ.