English Edition
Dhivehi Edition

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފުވައްމުލަކު ސިޓީ ކައުންސިލުގެ އަންހެނުންގެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓެއްގެ މައްސަލަ އިދިކޮޅު ކޯލިޝަނުން ހައިކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ހައިކޯޓަށް ހުށަހަޅަން ނިންމާފައިވަނީ ފުވައްމުލަކު ހުޅަނގު ދެކުނު އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު، އާމިނަތު އިނާޔާގެ މައްސަލައެކެވެ،

އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކީ ފުލްޓައިމް ދަރިވަރަކަށް ވެގެން ނުވާނެކަމަށް އިންތިހާބުގެ ގާނޫނުގައި ބުނެފައިވާކަމަށެވެ. އެހެންނަމަވެސް އިނާޔާ އަކީ ފުވައްމުލަކު ޒިކުރާ ސްކޫލުގައި ފުލްޓައިމް ކޯހެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށް ވަކީލުންގެ ޓީމުންވަނީ ބުނެފައެވެ. އަދި އޭނާގެ މި ސެމިސްޓާގެ ފީ ވެސް ސަރުކާރުގެ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ދައްކާފައިވާ ކަމުގެ ހެކި އެބަހުރިކަމަށް ކޯލިޝަންގެ ވަކީލުންގެ ޓީމުންވަނީ ބުނެފައެވެ.

އެހެންކަމުން އާމިނަތު އިނާޔާގެ ކިބައިގައި އިންތިހާބަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަން ފާހަގަކޮށް މި މައްސަލަ ލިޔެކިޔުންތަކާއެކު އިލެކްޝަނަށް ވެސް ހުށަހަޅާފައިވާކަމަށް ވަކީލުންގެ ޓީމުންވަނީ ހާމަކޮށްފައެވެ.