English Edition
Dhivehi Edition

ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމެންޓް (ފޭސް) ޖްމިއްޔާއިން އިންތިޒާމްކޮށްގެން ގދ. ފިޔޯރީގައި ކުރިއަށްގެންދިޔަ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ އަށް ހޮވުނު ދަރިވަރަށް 12،000 ރުފިޔާގެ ފައިސާގެ އިނާމެއް އެ ޖަމިއްޔާގެ ފަރާތުން ދީފިއެވެ.

ފޭސް އަލިގަދަ ތަރި ޤުރުޢާން މުބާރާތް 1442 ގެ ނަމުގައި ފަރެސްމާތޮޑާ ދާއިރާގެ ތިން ރަށުގެ ދަރިވަރުންނަށް ބައިވެރިވުކުގެ ފުރުސަތު ހުޅުވާަލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ އެއްވަނަ އަށް ހޮވުނީ ގދ. ފިޔޯރީ އަސުރުމާގެ، އަބްދު ޝަހާމް މުޙައްމަދު އެވެ. މި މުބާރާތުގެ ދެވަނަ އަށް ހޮވުނު ގދ. ފިޔޯރީ އޯކިޑް ވިލާ، ޢާއިޝަތު މިޝްކާ އަށް 4.000 ރުފިޔާގެ ފައިސާގެ އިނާމަކާއި ތިންވަނަ އަށް ހޮވުނު ގދ. ފިޔޯރީ ލެގޫން، އާމިނަތު ޝާޔަން ޝާމިން އަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ފޭސް ޖަމިއްޔާއިން ވަނީ ދީފައެވެ.

Advt

Advertisement

މިމަހުގެ 5 އަދި 6 ވަނަ ދުވަހު ކިޔެވުން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނަތީއްޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާައްވާފައި ވަނީ ގދ. ފިޔޯރީ ސްކޫލު ހޯލުގައެވެ. ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްގާޒީ އަލްއުސްތާޒު ލިމްއާން މުޙައްމަދު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ކައުންސިލުގެ ރައީސްއާއި ފިޔޯރީގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔަށް، ހަ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ހުރިހާ ގޮތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް ހޮވުނު ދަރިވަރުންގެ އިތުރުން ވަކިވަކި އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ އަށް ދިޔަ ދަރިވަރުންނަށްވެސް ވަނީ އިނާމު ދީފައެވެ.

ފޭސް އަލިގަދަތަރި ޤުރުޢާން މުބާރާތަކީ ފޭސް ޖަމިއްޔާއިން 2016 ވަނަ އަހަރުން ފެށިގެން އެރަށުގެ ދަރިވަރުންގެ ހިތްތަކުގައި ޤުރުޢާނަށް ލޯބި ޖައްސައި ޤުރުއާން ދިރުވައި އާލާކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. އެހެން ނަމަވެސް އެކިއެކި ސަބަބުތަކަށްޓަކައި 2019 އަދި 2020 ވަނަ އަހަރު މި މުބާރާތް ނުބޭއްވި މެދުކެނޑުމަކަށް ފަހު މިއަހަރު ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ދަރިވަރުންނަށް ހުޅުވާލައިގެން މިމުބާރަަތް ކުރިއަށްގެންދިއުމުން އާއްމުންގެ ބޮޑު ތަރުޙީބެއް މުބާރާތަށް ވަނީ ލިބިފައެވެ. މިގޮތުން ތިން ރަށުން ޖުމްލަ 67 ދަރިވަރުން މުބާރާތުގައި ބައިވެރިވެ ކިޔެވުން ފުރިހަމަކޮށްފައި ވެއެވެ.