English Edition
Dhivehi Edition

ކޮވިޑް-19 އަކީ މި ސަރުކާރު ދަމަހައްޓަން ގެންގުޅޭ ހަތިޔާރަކަށް ހަދާފައިވާކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

“މިއީ މަގޭ ރާއްޖެ” ނަމުގައި ޕީޕީއެމް އާއި ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ މީގެ އެއް އަހަރު ކުރިން ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރަން ޕީޕީއެމް އާއި ޕީއެންސީއިން ބޭއްވި ޖަލްސާގެ ސަބަބުން ސަރުކާރު ވަރަށް ބޮޑަށް ޕްރެޝަރަށް އައިސްފައިވާކަމަށެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރަން މީގެ އެއް އަހަރު ކުރިން ބޭއްވި ޖަލްސާއަކީ މި ސަރުކާރަށް ކެތްކުރަން ދަތިވި ޖަލްސާއެއްކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ އެޗްޕީއޭގެ ފިޔަވަޅުތައް އަންނަން ފެށީ އެ ޖަލްސާއަށް ފަހު ކަމަށެވެ. އަދި އޭގެ ފަހުން ތަފާތު އެކި ގައިޑްލައިންތައް ނެރެ އެޗްޕީއޭއަކީ މި ސަރުކާރު ހިފަހައްޓަން ގެންގުޅޭ މުޑިއަކަށް ހެދާފައިވާކަމަށް އަދުރޭވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ރާވަމުންދާ ވަރަކަށް މާލޭގައި އެއްވުން މަނާކޮށް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންގެ އެއްވުން ރޫޅާލަމުން ދިއުމަކީ ވެސް އިދިކޮޅު ވާދަވެރި ހަރަކާތަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. މީގެ އިތުރުން އަދުރޭ ވަނީ އެޗްޕީއޭގެ ގައިޑްލައިން އާއި އިންޓަނެޓްގެ ފެންވަރު އިތުރަށް ދަށްކޮށްލާފައި އޮތުމުން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތައް ދިމާވެފައިވާކަމަށެވެ.

މި ސަރުކާރު މިހާރު ނުވެއްޓި މި އޮތީ އެޗްޕީއޭގެ ސަބަބުންކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިކުރުވިޔަސް ޕީޕީއެމްއާއި ޕީއެންސީގެ ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.