English Edition
Dhivehi Edition

ހަވަރު ސްޕޯރޓްސް ޖަމުޢިއްޔާއިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ އަންހެނުންގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް ހޯޔަންބޯ އާއި ހޯބަހަކުން ދަތުރުކޮށްފިއެވެ.

އެސް.ޓީ.އޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021ގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ހޯބަހަކުން އާއި އައުޓްލޯޒް ކުއީންސް ބައްދަލުކުރިއިރު، މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މިގޮތުން މެޗުގެ ދެހާފް ނިމުނުއިރު ނަތީއްޖާ އެއްވަރުވެފައިވާތީ ކުޅުނު އިތުރު ވަގުތުގެ ދެހާފުން މޮޅުވެ ހޯބަހަކުން އިން މެޗު ކާމިޔާބުކުރީ 14-8 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ މުޅި މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ހޯބަހަކުންގެ ޖާޒީ ނަންބަރު 6 ޒުލޭހާ އިބްރާހިމެވެ.

ސެމީފައިނަލް ފަހު މެޗުގައި ހޭޔަންބޯ އާއި އެވިޑް އެސް.ސީ ބައްދަލުކުރި ފޯރިގަދަ މެޗު ހޭޔަންބޯ އިން ކާމިޔާބުކުރީ 34-10 ންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ހޭޔަންބޯގެ ޖާޒީ ނަންބަރު 10 ކުމާރީ އާރްތީ އެވެ.

ދިހަ ޓީމާއެކު މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެފައި ވަނީ ގދ. ތިނަދޫ އާރު އަވަށު ޓާރފް ދަނޑުގައެވެ. މި މުބާރާތަށް ޚާއްސަކޮށްގެން ހަވަރު ސްޕޯރޓްސް އިން ވަނީ ފެނަކަ ކޯޕަރޭޝަނާއި ގުޅިގެން ދަނޑުގައި އަލަށް ރޮސްޓްރަމް އަކާއިއި ދެބުރިއަށް ހެދިފައިވާ މީޑީއާ އަށް ޚާއްސަ ޖާގައެއްވެސް ގާއިމްކޮށްފައެވެ. ދަނޑުގައި އަލަށް އިތުރު ކުރެވުނު ދެބުރީގެ މި ޖާގައިގައި ލައިވް ކުރާ ފަރާތްތަކަށް ލައިވް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތަކަށް ހާއްސަ ކޮންޓްރޯލް ރޫމެއް ޤާއިމްކޮށްފައިވެއެވެ. އަދި ނޫސްވެރިންނަށް ފަސޭހައިން އިވެންޓު ކަވަރ ކުރެވޭނެހެން ވަނީ ޖާގަ އިތުރުކޮށްފައިވެއެވެ.

ހަވަރު ސްޕޯރޓްސް ޖަމުޢިއްޔާގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި އެ ޖަމުޢިއްޔާގެ ފަރާތުން މި ފަދަ މުބާރާތެއް ރާވައި ހިންގުމުގެ މަގުސަދަކީ ތިނަދޫގައި ހޭންޑްބޯލް ކުޅުންތެރިން އުފައްދައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކޮށް، ތިނަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ޒުވާނުންގެ ހުނަރުތައް މުޅި ރާއްޖެއަށް ދައްކާލުމުގެ ފުރުސަތު ހުޅުވާލުމާއި، މުޖުތަމައުގެ ތެރޭގައި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމެވެ.

އެސް.ޓީ.އޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.