English Edition
Dhivehi Edition
2019: ސަލްމާން މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

ފިތުނައަކީ ހިތަށާއި ސިކުނޑިއަށް ޖެހޭ މުސީބާތެއް ކަމަށާއި އޭގެ ސަބަބުން ކެތްތެރީންވެސް އާވާރާވެ މަގު އޮޅިގެންދާކަމަށް ހުތުބާގައި ބުނެފިއެވެ.

ފިތުނައިން ރައްކާތެރިވުމުގެ މައްޗަށް މިއަދުގެ ހުތުބާގައި އަލިއަޅުވާލާފައިވާއިރު، އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲގެ އަޅުންނާއި އެ ކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނުކުރެވޭ ފިތުނައެއްކަން ހުތުބާގައިވަނީ ފާހަގަކޮށްފައެވެ. އަދި ފިތުނައިގެ ސަބަބުން މުޖުތަމައު އެއްކޮށް ހަލާކުވެ ހިނގައިދާނެ ކަމުގެ އިންޒާރު ދެމުން ޚުތުބާގައި ބުނީ ފިތުނައެއް ކުރިމަތިވެއްޖެ ނަމަ އެއީ އެއްވެސް މީހަކު އިސްތިސްނާނުވެ އޮޔާ ގެންދާ ސުނާމީއަކަށް ވާނެ ކަމަށެވެ.

ހުތުބާގައި ދުނިޔެއަކީ އިމްތިހާނުގެ ގޯތި ކަަމަށާއި، އަޖުމަ ބެލުމުގެ މަންޒިލުކަން ފާހަގަކޮށް ބުނެފައިވަނީ ނަބަވީ ހިދާޔަތާއި ޝަރުއީ މިންގަނޑަކީ ދީނުގެ މެދުމިން ކަމަށާއި އެކަމުން ކައްސާލައިފި ނަމަ، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި ފިތުނައިގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ.

ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅިއަރުވައި ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތް ކަމަށާއި، ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް ހަބަރު ފަތުރާ ވަސީލަތްތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވެސް ހުތުބާގައިވަނީ ބުނެފައެވެ.

ގައުމެއްގައި ސައްހަ މައުލޫމާތާއި ހުނަރު ފެތުރިއްޖެނަމަ އެ ގައުމެއް ކުރިއަރާނެ ކަމަށާއި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގަދަރާއި އިއްޒަތް އުފުލޭނެކަން ހުތުބާގައި ފާހަގަކޮށްފައިވާއިރު ނުބައި އަދި ނުރައްކާތެރި ފިތުނައިން ސަލާމަތްވެވޭނީ ހަމަބުއްދީގެ ބޭނުންކޮށްގެން، ރަނގަޅު ގޮތް ދެނަގަނެ އެއަށް ތަބާވެގެންކަމަށް ހުތުބާގައިވަނީ ބުނެފައެވެ.