English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އިން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ސާދައަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ އިން އެންމެފަހުން ޕޮޒިޓިވް ވެފައިވަނީ މިހާރު އެ ރަށުގައި އުފެދިފައިވާ ކްލަސްޓާއާ ގުޅުންހުރި، ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

މީދޫގައި ކޮވިޑް19 ފެތުރިފައިވާ މިންވަރު ބެލުމަށްޓަކައި އެ އަވަށުގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކުން ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު އެޗްޕީއޭ އިންވަނީ އެ އަވަށުގައި އަޅާފައިވާ ފިޔަވަޅުގެ މުއްދަތު އިތުރު 7 ދުވަހަށް އިތުރުކޮށްފައެވެ. އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލާނީ މިހާރު ނެގިފައިވާ ސާމްޕަލް ތަކުގެ ނަތީޖާ ލިބި އަދި އިތުރު ސާމްޕަލް ތަކެއް ނެގުމަށް ފަހު ބަލި ނެތްކަން ޔަގީން ކުރުމަށް ފަހުކަމަށެވެ.

ހުޅުދޫމީދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި:

  • ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވުން މަނާކުރުން
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތްތައް ދިނުން ހުއްޓާލުން
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން