English Edition
Dhivehi Edition

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ވަޒީފާތަކަށް ދިވެހިން ހޯދަން އިއުލާނުކޮށްފިއެވެ.

އެމްޓީސީސީގެ އެކިއެކި ޕްރޮޖެކްޓް ސައިޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ދުއިސައްތައަށްވުރެ ގިނަ މީހުން ހޯދުމަށް އިއުލާނުކޮށް އެމްޓީސީސީ އިން މިއަދު ނެރުނު އިއުލާނުގައި ވަނީ މިވަޒީފާތަކުގެ ވޯކް-އިން އިންޓަރވިއުސް މާދަމާ އިން ފެށިގެން 11 މާރިޗްގެ ނިޔަލަށް ކުރިއަށް ދާނެކަމަށެވެ. އަދި މި އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެންދުރު 14:00 އިން 17:00 އަށްކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ، ހެވީ ވެހިކަލް އޮޕަރޭޓަރުން، ވެލްޑަރުން، ކާރޕެންޓަރުން، މޭސަނުން، މެކޭނިކުން އަދި އިންޖިނޭރުންނެވެ. އެމްޓީސީސީން ބުނީ، މިވަޒީފާތަކަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޓްރޭނިންގް ފުރުސަތުތައް ފަހިކޮށްދެވޭނެކަމަށާއި މިވަޒީފާތަކުގެ އެންމެ ކުޑަ އުޖޫރައަކީ 10،000 ރުފިޔާ ކަމަށެވެ.

މި ވަޒީފާތަކަށް ޝައުގުވެރިވާ، ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ދިވެހިންނަށްވެސް އެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ފަރާތްތަކުން އެމްޓީސީސީ ސައިޓް ނޫނީ މީސް މީޑިއާގެ ޕްލެޓްފޯމް މެދުވެރިކޮށް ސީވީ އާއި އެހެނިހެން ލިޔުންތައް ފޮނުވާނެ އިންތިޒާމު އެމްޓީސީސީއިންވަނީ ހަމަޖައްސާފައެވެ.