English Edition
Dhivehi Edition

ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީ ހުޅުދޫމީދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު 7 ދުވަހަށް އިތުރު ކުރުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގް(ސޯބެ) ވިދާޅުވެއްޖެއެވެ.

ފެބްރުއަރީމަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހުޅުދޫމީދޫގައި ހަތް ދުވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގާފައިވާ އެންގުމުގެ މުއްދަތު ރޭ 12 އަށް ވަނީ ހަމަވެފައެވެ.

“އޭއޯ ނިއުސް”އަށް މައުލޫމާތުދެއްވަމުން ސޯބެ ވިދާޅުވީ އެޗްޕީއޭއިން ހުޅުދޫމީދުގައި ކާފިއު ހިންގުމަށް އިތުރު ކުރި މުއްދަތު ރޭގެ 12 ޖެހުމާއި ހަމައަށް ހަމަވެފައިވާ އިރު އިތުރު ހަތް ދުވަހަށް ކާފިއު ހިންގުމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މައުލޫމަތުދެއްވާފައިވާކަމަށެވެ. އިތުރަށް ސޯބެ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލާނީ މިހާރު ނެގިފައިވާ ސާމްޕަލް ތަކުގެ ނަތީޖާ ލިބި އަދި އިތުރު ސާމްޕަލް ތަކެއް ނެގުމަށް ފަހު ބަލި ނެތްކަން ޔަގީން ކުރުމަށް ފަހުކަމަށެވެ.

ހުޅުދޫމީދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި:

  • ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވުން މަނާކުރުން
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތްތައް ދިނުން ހުއްޓާލުން
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން