English Edition
Dhivehi Edition
ރައީސް ނަޝީދު

މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ބުނެފައިވާ ބިލްތައް އަދިވެސް ފޮނުވާފައިނުވާތީ، މަޖިލީހުގެ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު އެ ދައުރަކަށް ސަރުކާރުން ފޮނުވާނެ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ ކަމަށެވެ. އަދި މި ދައުރުގައި ވެސް އެ ލިސްޓު ލިބިފައިވާކަމަށާއި އެހެން ނަމަވެސް ލިސްޓާއި ގުޅޭ ބިލެއް އަދި ލިބިފައިނުވާކަމަށެވެ، “މަޖިލީހަށް މިހާރު ފޮނުވާފައި ހުރި ބިލްތަކުގެ މަސައްކަތް ނިންމަން ސުންގަޑި ކަނޑައަޅައި، އެ ބިލްތަކުގެ މަަސައްކަތް ކޮމިޓީތަކުން އަންނަނީ ކުރަމުން” ނަޝީދު ވިދާޅުވިއެވެ.

ބިލްތައް ޑްރާފްޓް ކުރުމަށްޓަކައި މަޖިލީހުން ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ މަޖިލީހުގެ އެކިއެކި މެމްބަރުންނާއި، ކޮމިޓީތަކުން، ބިލްތަކުގެ ތަސައްވުރުތައް އެކުލަވާލާފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުން ވެސް އެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އަދި ބަންޑާރަނައިބާ އެކުގައި މަޝްވަރާ ކުރުމަށްފަހު އެންމެ އަވަހަށް މަޖިލީހަށް ފޮނުވެން ހުރި ބިލުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. “ބިލުތައް ނުލިބި ހުރި އިރު، އެމްޑީޕީގެ ލީގަލް އެޖެންޑާގައި ކުރަން ހުރި ގިނަ މަސައްކަތްތަކެއް އެބަހުރި. ބިލްތަކުގެ ކަންތަކުގައި އޭޖީއާ ވާހަކަ ދައްކަވަންވީ ހަގީގަތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް” ނަޝީދު ވިދާޅުވިއެވެ

އިތުރަށް ނަޝީދު ވިދާޅުވީ ވަރަށް ބޮޑު މުސާރައެއް ދީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޖިލީހުން ރައްޔިތުން އުންމީދުކުރާ ވަރަށް މަސައްކަތް ކުރިއަށް ނުދާނަމަ ރައްޔިތުން ކަންބޮޑުވާނެ ކަމަށެވެ.