English Edition
Dhivehi Edition
ޑޮކްޓަރ އިބްރާހިމް ދީދީ

މާލޭ ސަރަޙައްދުގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ނުކުރެވެނީ އެޗްޕީއޭއިން އެއްވުންތައް ކޮންޓްރޯލް ނުކުރާތީ ކަމަށް އެމްޑީޕީ ސަރުކާރުގެ ކުރީގެ ފިޝަރީޒް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 މާލެއާއި އަތޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ މި ދަނޑިވަޅާ ދިމާކޮށް ޑީޑީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްކޫލް ތަކާއި ކެފޭ ރެސްޓޯރެންޓް އަދި ޖިމްތައް ބަންދުކޮށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުންވެސް ހުއްޓާލަން ޖެހޭކަމަށެވެ.

ޑީޑީ މިހެން ވިދާޅުވިއިރު މާދަމާއިން ފެށިގެން 2 ހަފްތާގެ މުއްދަތަށް މާލޭގެ ސްކޫލްތަކުގެ ގްރޭޑް 8ން ދަށުގެ ގްރޭޑް ތަކުގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ.

މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމާއި ގުޅޭގޮތުންވެސް ގޮތެއް ނިންމުމަށް އެޗްޕީއޭއިން ސަރުކާރާއެކު މަޝްވަރާ ފަށާފައިވާއިރު މިސްކިތްތައް ބަންދު ނުކުރުމަށް އެދި އެޗްޕީއޭގެ ނިންމުންތަކާއި ދެކޮޅަށް ބައެއް ދީނީ ޢިލްމު ވެރިން ގެންދަވަނީ އަޑު އުފުލަމުންނެވެ.

މާލޭގައި ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅު އެޗްޕީއޭ އާއި ފުލުހުންގެ އިލްތިމާސް ތަކަށް ވެސް ބޯލެނބުމެއްނެތި މިހާރަކަށް އައިސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮންމެ ދުވަހަކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ.