English Edition
Dhivehi Edition
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދުރޭ: /ސަން ފޮޓޯ

މުޒާހަރާތައް ކުރިއަށް ގެންދެވުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންގުޅުއްވާނެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު އިދިކޮޅުން “ފްލެޓް ކޮބާހޭ؟” ނަމުގައި ބޭއްވި މުޒާހަރާ އާއި ގުޅިގެން އަދުރޭއަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށް، މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އިމްރާން ކުރެއްވި ޓުވިޓްގައި ވިދާޅުވީ “މުޒާހަރާ ކުރިއަށް ގެންދިޔުމުގައި އަދުރޭ ގެންގުޅުއްވާ ސްޓްރެޓެޖީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ” ކަމަށެވެ.

މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިންވެސް އިމްރާން އިދިކޮޅު ކޯލިޝަނަށް ނިސްބަތްކޮށް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރަންވަނީ ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުށަނޭޅޭ ގޮތަށް ކަމަށެވެ.

އިމްރާން މި ގޮތަށް ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅުން ބޭއްވި މުޒާހަރާތަކުގައި އިމްރާން އާއި އަބްދުއްރަހީމް އަކީ އެއްކޮށް މުޒާހާރާގެ ކަންތައްތަކުގައި އިސްވެ އުޅުއްވި ބޭފުޅުންނެވެ.