English Edition
Dhivehi Edition

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ރަތަފަންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް އާއި އެކު ސޮއި ކޮށްފިއެވެ.

780 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝާނާ ފާރޫޤް އެވެ. އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަލީ ނަޖީބެވެ.

ޖުމްލަ 33.6 މިލިއަން ރުފިޔާ ޚަރަދުކުރާ މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސާރވޭކުރުމާއި އީ.އައި.އޭ މަސައްކަތްކުރުމާއި ފެނާއި ނަރުދަމާ ނިޒާމު ފަރުމާކޮށް ވިޔުގަ އެޅުން ހިމެނެއެވެ. މީގެ އިތުރުން އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމާއި ސީ އައުޓް ފްލޯ އެޅުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެއެވެ. އަދި މި މަސައްކަތް ނިމިގެންދާނީ އިދާރީ އޮފީސް ގާއިމުކޮށް ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށް ފަހުގައެވެ.

ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ތެރެއިން ރަތަފަންދޫގެ އިތުރުން އިތުރު 14 ރަށެއްގައި މިފަދަ މަޝްރޫއުތައް ފެށުމަށް ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 407،145،030.01 (ހަތަރު ސަތޭކަ ހަތް މިލިއަން، ސަތޭކަ ސާޅީސް ފަސް ހާސް، ތިރީސް ރުފިޔާ އެއް ލާރި) އެވެ.