English Edition
Dhivehi Edition
ޙާދިސާގައި ނިޔާވި 3 ކުދިންނާއި އެކުދިންގެ މާމަ

އެމެރިކާގެ ޓެކްސެސްގެ ޝުގަރލޭންޑް އަވަށުގައި ހުރި ގެއެއްގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި އެގޭގައި ނިދާފައިތިބި 3 ކުދިންނާއި އެކުދިންގެ މާމަ މަރުވެއްޖެއެވެ. ހޯމަ ދުވަހު ހިނގި މިޙާދިސާގައި މަރުވީ 11 އަހަރުގެ އޮލީވިއާ އާއި 8 އަހަރުގެ އެޑިސަން އާއި 5 އަހަރުގެ ކޯލެޓްއާއި ވިއެޓްނާމަށް އުފަން އެކުދިންގެ މާމައެވެ. މިޙާދިސާއިން އެކުދިންގެ މަންމަ ވަނީ ސަލާމަތްވެފައެވެ.

ޙާދިސާ ހިނގިރޭ އިރާކޮޅު މޫސުން ގޯސްވެ ގިނަ ޢަދަދަކަށް ސްނޯ ފައިބަމުން ދަނިކޮށް އެސަރަޙައްދުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. އެގަދަ ފިނީގައި ހިހޫ ފިލުވުމަށް ގޭގެ ފަޔަރ އޭރިއާގައި އަލިފާން ރޯކޮށް މާމައާއެކު 3 ކުދިން ކުޅިވަރު ކުޅުމާއިގެން އުޅުނެވެ. އެހެން ތިބުމަށް ފަހު 3 ކުދިންނާއި މާމަ ނިދުމުން 3 ކުދިންގެ މަންމަ ޔެން ވެސް ދިޔައީ ފުރަތަމަ ފަންގިފިލާގައި ހުރި އޭނާގެ ކޮޓަރިއަށެވެ. ޔެން ބުނީ އޭނާއަށް ހޭވެރިކަން އައިއިރު އޮތީ ހޮސްޕިޓަލުގައި ކަމަށެވެ.

މިޙާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ޔެން ސަލާމަތް ކުރީ އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށް ދިޔަ ފަޔަރ ރެސްކިއު ޓީމުންނެވެ. އަމިއްލަ 3 ކުދިންނާއި އޭނާގެ މަންމަގެ ކުއްލި ވަކިވުމުން ފުން އަސަރެއް ކޮށްފައިވާ ޔެން އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.

މިހިތާމަވެރި ޙާދިސާއަށް ފަހު ގޯފަންޑްމީ ގައި ހުޅުވި ޕޯސްޓަށް މިހާތަނަސް 257000 ޔޫއެސް ޑޮލަރ އެކި ފަރާތްތަކުން ހަދިޔާ ކޮށްފައިވާއިރު އޭނާ ބުނީ އެފައިސާއިން ނިޔާވި ކުދިންނާއި މަންމަގެ ހަނދާނުގައި މުޖުތަމަޢަށް ފައިދާހުރި ފައުންޑޭޝަނެއް ގާއިމްކޮށް ހިންގާނެ ކަމަށެވެ.