English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ ބާތިލު ކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރެނިދައްކަމުން ނުދާކަމަށް ބުނެއެވެ. ހަސަން މޫސާގެ ކެންޑިޑެސީ ބަލައިގަތް ފަހުން، އޭނާގެ ކެންޑިޑެސީ ބާތިލް ކުރުމަށް ނިންމާ އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބަކާއި ނުލައި ހޮވުނުކަމަށްވެސް އީސީ އިންވަނީ އިއުލާންކޮށްފައެވެ.

ހަސަން މޫސާގެ ފަރާތުން އޭނާގެ ކެންޑިޑެސީ ބާތިލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ އިންތިހާާއި ބެހޭ އާންމު ޤާނޫނުގައިވާ ގޮތުން، އިންތިހާބަށް ކުރިމަތިލާތާ 48 ގަޑިއިރު ތެރޭ އެ މީހާގެ ކެންޑިޑެސީ ބަލައިގަތުމާ މެދު އީސީއިން ގޮތެއް ނިންމަން ޖެހޭނެކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާން ހުށަހަޅާތާ 48 ގަޑިއިރުގެ މުއްދަތުގައި ކެންޑިޑެސީ ބަލައިގަންނަ ފަހުން އީސީއަށް ކެންޑިޑެސީ ބާތިލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލައެއްގައި ކަނޑައަޅާފައިވާ ކަމަށްވެސް ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ ހުކުމުގައި ވަނީ އިލެކްޝަންސް ކޮމިޝަނުން މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ފަހު، ފަހުން ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މީހެއްގެ ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ. ހަސަން މޫސާގެ މައްސަލައިގައި އީސީއިން އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައި ނުވާކަމަށްވެސް އެ ހުކުމުގައިވަނީ ބުނެފައެވެ.

އެހެންކަމުން އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ނިންމާފައި ވަނީ ހަސަން މޫސާގެ ކެންޑިޑެސީ ބާތިލު ކުރަން އީސީއިން ނިންމި ނިންމުން ބާތިލު ކުރާށެވެ. އަދި ހަސަން މުސާގެ ޝަރުތު ހަމަވުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އޭނާގެ ނަން ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓުން އުނި ނުކުރުމަށްވެސް ވަނީ އަންގާފައެވެ.