English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަަށް ޓެސްޓު ކުރުމަށްޓަކައި މާދަމާއިން ފެށިގެން ވަކި ތަރުތީބެއް ނެތި ރޭންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވިގޮތުގައި ފުވައްމުލަކުގެ ކޮވިޑް-19ގެ ހާލަތާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ހެލްތް މިނިސްޓަރާއި އެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި އެ ސިޓީގައި ކޮވިޑް-19 އަށް ރޭންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ ސެންޓަރުން ހާމަކުރި ގޮތުގައި މާދަމާ ރޭންޑަމް ސާމްޕަލް ނަގަން ފެއްޓޭއިރު މާދަމާ އެ ސިޓީއިން 50 ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ކޮންމެ ދުވަހަަކު 30 ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސާމްޕަލް އަކީ ވަކި ތަރުތީބެއް ނެތި ނެގިގެން ދާ ސާމްޕަލް ތަކެއް ކަމުން ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެ ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ފުވައްމުލައް ސިޓީއިން މީގެ ކުރިންވެސް ރޭންޑަމް ސާމްޕަލް ނަގައިފައިވާއިރު މި މަހުގެ 7 ވަނަ ދުވަހު ނެގި ސާމްޕަލް ތަކުގެ ތެރެއިން 2 މީހަކު ފައްސިވެފައިވުމާއި ގުޅިގެން އެ ރަށުން ވަނީ ރޭންޑަމް ސާމްޕަލް ނެގުން ހުއްޓާލައިފައެވެ. އެކަމާއި ގުޅޭ ގޮތުން ފުވައްމުލައް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ރޭންޑަމް ސާމްޕަލް ނެގުން އެ ވަގުތު ހުއްޓާލައިފައިވަނީ ފުވައްމުލަކުން ކޮވިޑް-19 ފެތުރުން އިތުރުވުމާއި ގުޅިގެނ ފަންނީ މުވައްޒަފުންނާއި ވަސީލަތްތަކުގައި ހުރި ދަތި ތަކުގެ ސަބަބުންނެވެ.

ފުވައްމުލަކުގައި އިއްޔެގެ އިރުއޮއްސި 18:00 އިން މިރޭގެ އިރުއޮއްސި 18:00 އަށް އެއްވެސް މީހަކު ބައްޔަށް ފައްސިވެފައިނުވާއިރު މިހާތަނަށް ނަތީޖާ ނުލިބި 276 ފަރާތެއްގެ ނަތީޖާ ނުލިބިވާ ކަމަށްވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުވައްމުލަކުގެ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ. ފުވައްމުލަކުގައި މިހާތަނަށް ޖުމްލަ 39 މީހަކު ބައްޔަށް ފައްސިވެފައިވާއިރު 7 ފަރާތެއްވަނީ ބަލިން ރަނގަޅުވެފައެވެ.