English Edition
Dhivehi Edition

ރޭގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި ތިން އަންހެނަކު ހިންގި މާރާމާރީއާ ގުޅޭގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭ 21:15 އެހާކަންހާއިރު ހެންވޭރު މަގުމަތީގައި ތިން އަންހެނުން މާރާމާރީ ހިންގާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިގެން، ފުލުހުން ދިޔައިރު މާރާމާރީ ހިންގި އަންހެނުން އެސަރަހައްދު ދޫކޮށް ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަންހެނުން މާރާމާރީ ހިންގި ވީޑިއޯ މިހާރުދަނީ މީސްމީޑިޔާގައި ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ދެއަންހެނަކު ވަނީ މަގުމަތީގައި ހުރި އަންހެނަކާއި ޒުވާބުކޮށް އޭނާ މަގުމައްޗަށް ވައްޓާލާފައެވެ. މަގުމައްޗަށް ވެއްޓުނު މީހާ ތެދުވެ އޭނާއަށް ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް އެތަނުގައި ހުރި ފިރިހެނަކު އެކަމަށް ހުރަސްއެޅިއެވެ. އެހެންނަމަވެސް އެމީހުން ވަނީ އެކަކު އަނެކަކަށް އައުގުރާނަ ގޮވާފައެވެ.

ވީޑިއޯގައި ދައްކާ ވާހަކައަށް ބަލާއިރު ތަނަކަށް މައްސަލައެއް ރިޕޯޓް ކުރުމުން އެމީހުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމަށް ބެލެވެއެވެ.

ވީޑިއޯ އާއްމުކުރި “އެމްވީކްރައިސިސް” އިން ބުނާ ގޮތުގައި މާރާމާރީ ހިންގީ އެޗްއީއޯސީގެ ފާސް އަޅައިގެން ތިބި ބައެކެވެ. އަދި މާރާމާރީ ހިންގާފައި ވަނީ ރޭ 22:30 ކަންހާއިރު ބޮޑުފުންގަނޑު މަގުގައި ކަމަށެވެ.