English Edition
Dhivehi Edition
ފޮޓޯ: ތޮލާލް މުހައްމަދު

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް އިތުރު 03 މީހަކު ފައްސިވެއްޖެއެވެ.

ފުވައްމުލައް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވިގޮތުގައި މިވަގުތު ބައްޔަށް ފައްސިވެ އެކްޓިވް ކޭސްގެ ގޮތުގައި އެ ސިޓީގައި 31 މީހަކުވެއެވެ. އެރަށުން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 7 މީހަކު މިހާތަނަށް ބަލިން ރަނގަޅުވެފައިވާއިރު އެ ރަށުން ފައްސިވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 39 އަކަށް އަރައިފައެވެ.

ފުވައްމުލަކުގެ މުޖުތަމައު އިން ކޮވިޑް-19 ފެނުމާއި އެކު ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ މޮނީޓަރިންގް އަށް ލައިފައެވެ. އެގޮތުން އެ ރަށުގެ މުޖުތަމައު އިން ބަލި ފެނުމާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ސިޓީގައި ވަނީ ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް ވެސް އެޗްޕީއޭ އިން އެ ރަށުގެ ފުރަބަންދުގެ ހާލަތު އިއުލާންކޮށް ނެރުނު އުސޫލުގައި ވަނީ ދަންނަވާފައެެވެ.

މީގެ އިތުރުން އެ އެންގުމުގައި ވާ ގޮތުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، އެސިޓީގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް ވަނީ މަނާކޮށްފައެވެ. .

އެޗްޕީއޭ އިން އިތުރަށް އާންމުކުރި އެންގުމުގައިވާ ގޮތުން އެ އެންގުމުގައިވާ ފިޔަވަޅުތަކުން ސިފައިންނާއި ފުލުހުނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި، އެމްބިއުލަންސާއި، އައްޑޫ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަށް އިސްތިސްނާވެގެންވެއެެވެ.