English Edition
Dhivehi Edition

 

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު އޮތް ރަސްމިއްޔާތުގައި، އުތުރުތިލަފަޅު ހާބަރާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާއި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރުއެވެ.

ސިފަވަރު، އުތުރުތިލަފަޅުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވަނީ، ކޯސްޓްގާޑުގެ ސިފައިން، އެތައް އަހަރެއް ވަންދެން، ކުރަމުން އައި އުންމީދެއް ޙަޤީޤަތަކަށް ވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ސިފަވަރު ޔޫޓީއެފް ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތައް ޚުލާޞާކޮށްދެއްވާފައެވެ.

ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ނުގެންގޮސް، ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރެވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ޚަރަދާއި ވަގުތު ސަލާމަތްވުމާއި، ބަރތިންގ ފެސިލިޓީގެ ސަބަބުން ބޮޑެތި އުޅަނދުތަކަށް ވެސް އެއްވަގުތެއްގައި ބަނދަރުކުރެވުމުގެ ސަބަބުން ލިބޭ ފަސޭހަތަކާއި، އިންސާނީ އެހީއާއި ކާރިސާގެ ވަގުތުތަކުގައި ހިންގާ އޮޕަރޭޝަންތައް ފަސޭހަކަމާއެކީ ކުރިއަށް ގެންދިޔުމަށް މަގުފަހިވުން ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުގެ އަރިހުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.